ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ދިވެހިން ފަހުރުވެރިވާ ނަތީޖާއެއް ހޯދާނެ ކަމަށް ޔަގީންކުރާ ކަމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެ ރައީސް ލަތީފް ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މުބާރާތަށް ތައްޔާރުވުމަށްޓަކައި ސްރީލަންކާގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ވެސް ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާތީ، ދިވެހިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ގައުމީ ޓީމަށް ނެރެވިދާނެ ކަމަށެވެ.

"މި މުބާރާތުން ދިވެހިން ފަހުރުވެރިވާނެ ނަތީޖާއެއް ހޯދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ. ފާއިތުވި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މުބާރާތަށް ތައްޔާރުވުމަށް އާއިލާއާ ވަކިން ކުޅުންތެރިންނާއި އޮފިޝަލުން ހުއްޓުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތްތަކަށް އަޅުގަނޑު އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ..،" ލަތީފް ނެރުއްވި ބަޔާނުގައިވެ އެވެ.

ލަތީފް ވިދާޅުވީ، ދިވެހި ކުޅިވަރު ކުރިއަރުވައި، ޒުވާނުންނަށް ހެޔޮގޮތް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރައްވާ މަސައްކަތްޕުޅު ހެޔޮހިތުން ގަބޫލުކުރާ ހާލު، ކުޅުންތެރިންގެ ކާމިޔާބީއަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ވާހަކަވެސް ދަންނަވާ ކަމަށެވެ.

"ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް 2016ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސީނިއާ ވޮލީ ޓީމުގެ އެންމެހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަންފުޅުގައާއި، ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް ހިތްވަރުދީ، ކާމިޔާބީއަށް އެދެމެވެ..،" ބަޔާނުގައި ލަތީފް ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ކިރްގިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ނޭޕާލެވެ. އެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ.