22 Dec 2016, 20:15
ދުނިޔޭގެ ފެންވަރުގައި ބާއްވާ ޖަމްބޮރީ އާއި ކޭމްޕްތަކުގައި ސަތޭކައެއްހާ ދިވެހި ގާލްގައިޑުން ބައިވެރިވެއްޖެ އެވެ.
މި އަހަރު ދިވެހި ގާލް ގައިޑް އެސޯސިއޭޝަނުން ގާލް ގައިޑުން ބައިވެރިކޮށްފައި ވަނީ މެލޭޝިޔާ، ތައިލޭންޑް، ހޮންގ ކޮންގ އަދި އިންޑިއާގައި ކުރިއަށް ޖަމްބޮރީ ތަކުގަ އެވެ.
އެގޮތުން، 28 ނޮވެމްބަރުން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މެލޭޝިޔާގައި އޮތް 'މެލޭޝިޔާ ގާލް ގައިޑްސް 2016 ސެންޓިނަރީ ކޭމްޕް' ގައި މާލެ އާއި އަތޮޅުތެރޭގެ ދެ ސްކޫލެއްގެ 10 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.
އަދި މި މަހުގެ 14 އިން އިއްޔެގެ ނިޔަލަށް ތައިލެންޑުގައި ބޭއްވި 'އެވްރީތިން އިސް ޕޮސިބްލް ޖަމްބޮރީ 2016' ގައި މާލެ އާއި އަތޮޅުތެރޭގެ 15 ސްކޫލަކުން 60 ދަރިވަރަކާއި ގާލްގައިޑް އެސޯސިއޭޝަންގެ ފަސް ގައިޑް ލީޑަރަކު ބައިވެރިވެފައިވެ އެވެ.
އޭގެ އިތުރުން ހޮންގ ކޮންގ ގައި މާދަމާ ފަށާ 'ހޮންގ ކޮންގ ގާލް ގައިޑްސް ސެންޓިނަރީ އިންޓަނޭޝަނަލް ކޭމްޕް 2016' ގައި މާލެ އާއި އަތޮޅުތެރޭގެ ހަ ސްކޫލަކުން 15 ދަރިވަރުން ބައިވެރިވެ އެވެ. އެ ޖަމްބޮރީ ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބައިނަލްއަގްވާމީ ޖަމްބޮރީތަކުގައި ބައިވެރިވާ ބައެއް ދިވެހި ގާލް ގައިޑުންނާ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ބައްދަލުކުރައްވަނީ --- ފޮޓޯ: އެޑިއުކޭޝަން
މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިންޑިޔާގެ މައިސޫރުގައި ކުރިއަށްދާ 'ނެޝަނަލް ޖެމްބޮރީ އޮފް ދަ ބާރަތު ސްކައުޓްސް އެންޑް ގައިޑްސް' ގައި މާލެ އާއި އަތޮޅުތެރޭގެ ހަތަރު ސްކޫލަކުން ހަތް ދަރިވަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
އެޑިއުކޭޝަނުން ބުނީ ބައިނަލްއަގްވާމީ ފެންވަރުގެ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން ތަފާތު މާހައުލުތަކުގައި އެކި ސަގާފަތްތަކުގެ ތަފާތު މިޖާޒުގެ ކުދިންނާއި އެކު އުޅެން ދަސްވެ، ކަންކަމަށް ލޯހުޅުވި ތަފާތު އަމަލީ ފިލާވަޅުތައް ލިބިގެންދިޔުންފަދަ އެދެވޭ ފައިދާތައް ދަރިވަރުންނަށް ކުރާ ކަމަށެވެ.