22 Dec 2016, 16:32
ބެއިޖިންގް (ޑިސެމްބަރު 22) : އެމެރިކާއާއި ޗައިނާގެ ގުޅުންތައް ގޮތްނޭނގޭ މަރްހަލާއަކަށް ވަންނަމުންދާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރަސްމީ ނޫހެއްކަމަށްވާ ޕީޕަލްސް ޑެއިލީ އަށް ދެއްވި ބަސްދީގަތުމެއްގައި ވާންގް ޔީ ވިދާޅުވީ އެމެރިކާގެ އެންމެ ފަރުދަކަށް ޗައިނާއާއި އެމެރިކާގެ ޒަމާންވީ ގުޅުންތައް ހީނަރުކުރެވިގެން ނުވާނެކަމުގަ އެވެ. މިއީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އަށް ކުރެއްވި އިޝާރާތެކެވެ.
ޓްރަމްޕްވަނީ ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާންގެ ރައީސާ ސާއި އިންގް ވިން އާ ފޯނުން ގުޅުއްވައި އެމެރިކާ މިހާތަނަށް ގެންގުޅުނު އެއްޗައިނާގެ ސިޔާސަތު ދޫކޮށްލަންޖެހިދާނެ ފަދަ އިބާރާތަކުން ވާހަކަ ދައްކަވާފަ އެވެ. ޓްރަމްޕްގެ މިއަމަލާ އަދި އޭނާ ދެއްކެވި މިވާހަކަފުޅުގެ ސަބަބުން ޗައިނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. ނަމަވެސް ދާދިފަހުން ޓްރަމްޕް، ޗައިނާގެ ރައީސް ޝީޖިން ޕިން އާ ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވުމުން ޗައިނާގެ ރުޅިވެރިކަންވަނީ މަޑުވެފަ އެވެ.
މިއާއެކު ވެސް ޗައިނާއާމެދު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންގުޅޭނެ ސިޔާސަތުތަކެއް ޗައިނާއަށް ނޭންގުމާއި ޗައިނާ އިން އެމެރިކާއަށް އިންޕޯޓްކުރާ މުދަލަށް އިތުރު ޑިއުޓީއެއް ނަގަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ ޓްރަމްޕާމެދު ޗައިނާ ކަންބޮޑުވާ ކަންކަމެވެ.
ޕީޕަލްސް ޑެއިލީ އަށް ދެއްވި ބަސްދީގަތުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާގެ އެންމެ ފަރުދަކާހެދި ދެގައުމުގެ ގުޅުންތައް ގޮތްނޭނގޭ މަރަހަލާއަކަށް ވަދެފައިވާ ކަމުގަ އެވެ. ނަމަވެސް ޓްރަމްޕްގެ ނަން ފާޅުގައި ވިދާޅެއް ނުވެ އެވެ.
ޗައިނާއާއި އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ދެބާރު ކަމަށްވެފައި ޗައިނާގެ އަސްކަރީ ބާރު ވެސް ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންދާތީ އެދެގައުމުން ކުރެ ކޮންމެ ގައުމަކުން ވެސް އަނެއް ގައުމަށް ދޫ ދިނުމުގެ ސިޔާސަތުތަކެއް ގެންގުޅެ އެވެ. ނަމަވެސް އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިލާފްތަކާއި ދެބަސްވުންތައްވެސް އޮވެ އެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ ސިޔާދަތަށް ޗައިނާ ދައުވާކުރާ ކުރުމަކީ މިފަހަކަށް އައިސް ޗައިނާއާއި އެމެރިކާއާ ދެމެދުގައިވާ އެންމެ ބޮޑު މައްސަލައެވެ.
ޗައިނާ ދާދިފަހުންވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިއްކަމުންދާ ޖަޒީރާގެ ކަނޑުގެ ކައިރިއަށް އެމެރިކާ ފޮނުވި ޖާސޫސީ ރޮބަޓެއް އަތުލައިގެންފަ އެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންގުޅޭނެ ސިޔާސަތުތަކެއްގެ ގޮތް ނޭނގޭތީ ޗައިނާގެ އިތުރުން ޔޫރަޕްގެ ބޮޑެތި ބާރުތައް ވެސް ވަނީ ކަންބޮޑުވެފަ އެވެ. (ނޫސްއެޖެންސީތައް)