ނައިޖީރިއާގެ މައި އެއަޕޯޓު، އެގައުމުގެ ވެރިރަށް އަބޫޖާގެ ނަމްޑީ އަޒިކިވޭ އިންޓަނޭޝަނަލް އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ހަ ހަފްތާއަށް އެތަން ބަންދުކުރުމަށް ނިންމައިފި އެވެ.

އެއާޕޯޓު ބަންދުކުރުމަށް ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަސް ފެށުމާ އެކު، ހަ ހަފްތާގެ މުއްދަތަކަށެވެ.

އަބޫޖާގެ އެއާޕޯޓުގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު، އެ ރަންވޭގެ ރައްކާތެރިކަމާ މެދު ގިނަ އެއާލައިންތަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އެއާޕޯޓު މަރާމާތުކުރުމަށް ނައިޖީރިއާ އިން ފަރުވާލެއް ނުބެހެއްޓިއެވެ.

ނައިޖީރިއާ އިން އަބޫޖާގެ އެއާޕޯޓު ބަންދުކޮށްގެން މަރާމާތުކުރުމަށް އެންމެ ފަހުން ނިންމާފައި މިވަނީ، އަބޫޖާއަށް ދަތުރުކުރުން ހުއްޓަލާނެކަމުގެ އިންޒާރުތައް އެއާލައިންތަކުގެ ފަރާތުން ލިބެން ފެށުމުންނެވެ.

އެ އެއާޕޯޓު ބަންދުކުރުމާ އެކު، ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ ފްލައިޓުތައް ދާނީ ނައިޖީރިއާގެ ކަޑޫނާ ސިޓީގެ އެއާޕޯޓަށެވެ. ކަޑޫނާ އެއާޕޯޓު އޮންނަނީ އަބޫޖާއާ 160 ކިލޯމީޓަރު ދުރުގަ އެވެ.

ބީބީސީ ނައިޖީރިއާ ކޮރެސްޕޮންޑެންޓް ބުނާ ގޮތުގައި، ކަޑޫނާއަށް ފްލައިޓުތައް ޑައިވާޓު ކުރާ އިރު، ކަޑޫނާއިން އަބޫޖާއަށް ދަތުރުކުރަން އޮންނަނީ ދެ ގަޑިއިރުގެ މަގެއްގައި ކަމަށާއި، އެ މަގަކީ ފޭރުމާއި ކިޑްނެޕް ކުރުމުގެ ކުށްތައް ގިނަ އަދަދަކަށް ހިނގާ މަގެއް ކަމާށެވެ.