ލަންޑަން : ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ދިިން ވައިގެ ޙަމަލާތަކެއްގައި ލީބިޔާގެ ކުށެއްނެތް ޢާންމުން މަރުވިކަމަށް ނޭޓޯއިން އެންމެފަހުން އެއްބަސްވެއްޖެވެ.

ނޭޓޯގެ އިސްކޮމާންޑަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޗާލް ބުޗަޑް ރޭ ވިދާޅުވީ އިއްޔެ ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ނޭޓޯގެ ޢަސްކަރީ މަތިންދާބޯޓުތަކުން ދިން ޙަމަލާތަކެއްގައި ލީބިޔާގެ ޢާންމުންގެ ބަޔަކު މަރުވެފައިވާ ކަމުގައެވެ.
މިއީ ޓްރިޕޮލީގައިވާ ޢަސްކަރީ އަމާޒަކަށް ދިން ޙަމަލާއެއް ކަމަށާ މިޙަމަލާ މަދަނީ ޢިމާރަތަކަށް އަރައި އާންމުންގެ ބަޔަކު މަރުވީ އޮޅުމަކުން ނޫނޫ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ކަމަށް ނޭޓޯއިން ނެރުނު ބަޔާނެއްގައި ޗާލް ބުޗަޑް ވިދާލުވެފައި ވެއެވެ.

ނޭޓޯގެ ޙަމަލާތަކުގައި މަރުވި ޢާންމުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށާ މި 7 މީހުުން މަރުވީ ޓްރިޕޮލީގެ ޢިމާރާތަކަށް ނޭޓޯގެ މަތިންދާބޯޓުތަކުން ދިން ވައިގެ ޙަމަލާތަކެއްގައި ކަމަށް ގައްޒާފީގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ލީބިޔާގެ ރަސްމީ ޓީވީ އިއްޔެ ބުނެފައިވެއެވެ.

ނޭޓޯއިން ލީބިޔާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގައި މީގެ ކުރިިންވެސް އެތަަށްފަހަރަކު ޢާންމުން މަރުވެފައިވާތީ ނޭޓޯއިން ލީބިޔާގެ މަދަނީ ތަންތަނަށް ޙަމަލާދީ ކުށެއްނެތް ޢާންމުން މަރައި ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތު ލީބިޔާ ސަރުކާރުން ނޭޓޯގެ މައްޗަށްވަނީ ކޮށްފައެވެ. މީގެ ކުރިންވެސް ނޭޓޯގެ ޙަމަލާތަކުގައި ލީބިޔާގެ ކުށެއްނެތް ޢާންމުން މަރުވެފައިވާ ކަމަށް އެޖަމާއަތުން އެއްބަސްވެފައިވެއެވެ.

ލީބިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޚާލިދް ކަޢީމް އިއްޔެ ވިދާޅުވީ ނޭޓޯއިން ލީބިޔާގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާ މައްސަލާގައި ނޭޓޯގެ އިސްވެރިންނާ ދެކޮޅަށް ޝަރީޢަތް ހިންގުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ އުފުލާނެ ކަމުގައެވެ. ހަނގުރާމައިގާ މަދަނީ ތަންތަނަށް ޙަމަލާދީ އާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވިދާނެ ބޮޑު ކުށެކެވެ.

ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ބާރުތަކުގެ ކިބަިއން ލީބިޔާގެ ޢާންމުން ސަލާމަތްކުރުމަށް ކަމަށްބުނެ ނޭޓޯ އިން ލީބިޔާއަށް ހަމަލާ ދެމުން ގެންދާތާ މިހާރުވަނީ 3 މަސްވެފައެވެ. މި 3 މަސްދުވަހުގެ ތެރޭގައި ނޭޓޯއިން ލީބިޔާއަށް ދިން ޙަމަލާތަކުގައި ލީބިޔާގެ އެތަށް ބަޔަކު މަރުވެ އެތަށް ޢިމާރާތެއް ހަލާކުވެ ލީބިޔާގެ އިންފްރާސްޓްރަކްޗަރ އަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. -- ރޮއިޓާސް، އަލްޖަޒީރާ