22 Dec 2016, 15:46
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު އެއްޗަކުން ޖެހި، މަގުން ހިނގާފައި ދިޔަ ދެމަފިރިޔަކު ވަރަށް ބޮޑަށް ޒަޚަމްވެ އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ 3:30 އެހައިކަންހާއިރު ކެމްޕަސް ގޯޅި ތެރޭގަ އެވެ.
މަންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ އިމާރާތުގެ މަތިން ވެއްޓުނީ އަށް ފޫޓު، ހަތަރު ފޫޓު ވަރުގެ ދަގަނޑު ޝީޓެއް ކަމަށެވެ. ޝީޓު ވެއްޓި ޖެހުނީ ފިރިހެން މީހާގެ ބޮލުގެ ފުރަގަހުގައި ކަމަށާއި، ފިރިހެން މީހާ އަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ދަގަނޑު ޝީޓް ވެއްޓުނު އިމާރާތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ފިރިހެން މީހާގެ ބޮލުގެ ފުރަގަހުން ފަޅައިގެން ގޮސް، ސިކުނޑިއާ ދިމާލުން ދެ އިންޗި ތިން އިންޗީގެ މަސްގަނޑެއް ބޭރުވެފައި އޮތް. ފިރިހެން މީހާގެ މުޅި މޫނު މައްޗާއި ކަންފަތުގައި ބޮޑެތި ޒަޚަމްތަކެއް ހުރި،" އޭނާ ބުންޏެވެ.
އޭގެ އިތުރުން އަންހެން މީހާގެ އަތް ވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި، އޭނާ އަށް ވެސް ހާނިކަތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ސަން އަށް ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ފިރިހެން މީހާއަށް ކަމަށާއި، އޭނާގެ ސީޓީ ސްކޭން ހަދައި ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން ނުދާ ކަމަށް މައުސޫމް ވިދާޅުވި އެވެ.