ފިނޭންސް މިނިސްޓްރީގެ ޑެޕުއިޓީ މިނިސްޓަރު ކަމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ފިނޭންސް މިނިސްޓަރުގެ ނައިބަކަށް ހަމަޖައްސާފައި ވަނީ ނ. ފޮއްދޫ ޔާގޫތުގޭ، ހުސައިން ޝާމް އާދަމް އެވެ.

ޝާމް "ސަން" އަށް ވިދާޅުވި ގޮތުގައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަން ފައްޓާވާނެ އެވެ.

ޝާމް މީގެ ކުރިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސް މަގާމެއް އަދާކޮށްފަ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ، ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރެއްގެ ގޮތުގައި ވެސް އޭނާ އައްޔަނު ކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އާ ނައިބާ އެކު، މިވަގުތު އެ މިނިސްޓްރީގައި ޖުމްލަ ތިން ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވެ. އަނެއް ދެ ބޭފުޅުންނަކީ ޑރ. އާއިޝަތު މުނީޒާއާއި އަބްދުލްހަލީމް އަބްދުލްޣަފޫރެވެ.