22 Dec 2016, 15:01
މާލޭގައި ޓުރެފިކް ލައިޓްތައް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ މާލޭގެ ޓުރެފިކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ފުލުހުންގެ އިލްތިމާސްއާ އެކު ޓުރެފިކް ލައިޓްތައް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
"ޓުރެފިކް ލައިޓް ބޭނުން ނުކުރާކަށް ނުނިންމަން، މިވަގުތަށް މެދުކަނޑާލީ، ކުރިއަށް އޮތް ތަނުގައި ޓުރެފިކް ލައިޓްތައް ބޭނުންކުރާނެ،" ނާފިޒް ވިދާޅުވި އެވެ.
މާލޭގެ މަގުތައް މަރާމާތުކޮށް ނިމި އަލުން ޕްލޭން ކުރެވޭ އިރު އިތުރު ސަރަހައްދުތަކުގައި ޓުރެފިކް ލައިޓް ޖަހައި މިހާރު ބޭނުންކުރާ ސަރަހައްދުތަކުގައި ވެސް އާ ލައިޓްތައް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ނާފިޒް ވިދާޅުވި އެވެ.
މިހާރު ބޭނުންކުރަމުންދާ ޓްރެފިކް ލައިޓްތަކަކީ އެތައް ޒަމާނެއްވެފައިވާ ލައިޓުތަކަކަށްވުމުން އެތަކެތި މަރާމާތު ކުރުމަށް ވެސް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
މާލޭގެ ޓުރެފިކަށް މިހާރު ބޮޑު ބަދަލެއް އައިސްފައި ވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުން މަޖީދީމަގުގެ ބޮޑުބައެއް ބަންދު ކުރަންޖެހުމުންނެވެ.