22 Dec 2016, 14:22
މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭ މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލަން ކުރިން ނިންމި ނަމަވެސް، މިހާރު ޒިޔާރަތް އާންމުންނަށް ހުޅުވާނުލާން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒް އަހްމަދު ސަލީމް 'ސަން' އަށް ވިދާޅުވީ މެދު ޒިޔާރަތް ހުޅުވާ ނުލާން ނިންމީ އެކަމާ މެދު ކޮމިޓީ އިން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެތަން ހުޅުވާނުލުމަށް ނިންމީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމުންނެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތި ދިނުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާޒް ސަލީމް ވިދާޅުވީ މިއަދުން ފެށިގެން ހަފްތާ އަކަށް، ވަކި ގަޑިތަކެއްގައި މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލާފައި ބަހައްޓާނެ ކަމަށެވެ.
އަދި މުންނާރު ސަރަހައްދުގައި ރާއްޖެ އިސްލާމްވި ގޮތާ ބެހޭ މައުލޫމާތު ދިނުމަށް ދިވެހި ބަހުގެ އެކެޑަމީގެ ބޭފުޅުންނާއި ދީނީ އިލްމުވެރިން ހަރަކާތްތެރިވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ.
މާޒް ސަލީމް ވިދާޅުވީ މެދު ޒިޔާރަތަށް އާންމުން ވަދެ އެތަން ބެލުމުގެ ފުރުސަތު ނުދިން ނަމަވެސް މުންނާރު ހުންނަ ސަރަހައްދުގައި މައުލޫމާތު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް މެދު ޒިޔާރަތް އާންމުންނަށް ހުޅުވައިލީ 2009 ވަނަ އަހަރު އެވެ. އެފަހަރު އެތަން ހުޅުވާލުމާ ގުޅޭ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. ގިނަ ދީނީ އިލްމުވެރިން ދެކޮޅު ހަދަމުން ދަނިކޮށް އެތަން އެފަހަރު ހުޅުވާލި ނަމަވެސް، ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒިޔާރަތް ބަލަން ގޮސްފަ އެވެ.
މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
މެދު ޒިޔާރަތަށް "މެދު ޒިޔާރަތް" ކިޔަން ފެށީ އިހު ޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުންނެވެ.
މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތެވެ. ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.