ވޮޝިންޓަން (ޑިސެމްބަރު 22): އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވަން ތައްޔާރުވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އަލަށް އެކުލަވާލެއްވި ގައުމީ ވިޔަފާރި ޖަމްއިއްޔާގެ ވެރިޔަކަށް ޗައިނާއަށް ފާޑު ކިޔާ ފަރާތެއް ކަމަށްވާ ޕީޓާ ނަވާރޯ އައްޔަން ކުރައްވައިފި އެވެ.

ޓްރަމްޕް އެކުލަވާލެއްވި ގައުމީ ވިޔަފާރި ޖަމްއިއްޔާގެ ވެރިޔާގެ ގޮތުގައި ހުންނަވައިގެން އެމެރިކާގެ ވިޔަފާރި އާއި ސިނާއީ ކަންތައްތަކާ ބެހޭ ސިޔާސަތުގެ ޑިރެކްޓަރުކަން ނަވާރޯ ކުރައްވާނެ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަވާރޯ ލިިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި "ދަ ކަމިން ޗައިނާ ވޯސް" އަދި "ޑެތް ބައި ޗައިނާ" ހިމެނެ އެވެ. އެފޮތްތަކުގައި އޭނާ ވަނީ ޗައިނާ އިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާގެ ވިޔަފާރީގެ މައްސަލަތަކަށް އިސްކަން ދެއްވައިފަ އެވެ. އަދި އެމެރިކާ އިން ޗައިނާ އާއި މެކްސިކޯއާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ކެމްޕެއިން ތެރޭގަ އާއި ޓުވިޓާ މެދުވެރިކޮށް ފާޑު ވިދާޅުވެފަ އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާ އިން ގެންގުޅޭ "ވަން ޗައިނާ" ސިޔާސަތަށް ހިލާފަށް، ޓައިވާނުގެ ރައީސާއާ ސީދާ ފޯނުން ވާހަކަ ދައްކަވައި ޗައިނާ ރުޅިއަރުވާލާފަ އެވެ. (ބީބީސީ)