22 Dec 2016, 12:49
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެންނަ ބިދޭސީ ކޯޗާއި ބިދޭސީ ތިން ކުޅުންތެރިންނަށް ތައްޔާރުކޮށްފައިވާ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް ޓީމަކުން ތައްޔާރުކޮށްފައި ނުވާވަރުގެ ބޮޑު ބަޖެޓެއް ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޒާމް މޫސާ (ޓެޑް) ވިދާޅުވެއްޖެ އެވެ.
ނިއުގެ ކޮންޓްރެކްޓްގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ސޮއިކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓެޑް ވިދާޅުވީ، އެ ކްލަބުން އަންނަ އަހަރުގެ ކުރިއަށްއޮތް ދެ ހަފްތާއެއްތެރޭ އާ ޗެއާމަން ކްލަބާ ހަވާލުވާނެ ކަމަށެވެ. ނިއުގެ އާ ޗެއާމަނަކީ ކޮން ބޭފުޅެއް ކަމާއި ނިއުގެ ކަނޑައެޅި ބަޖެޓުގެ ތަފްސީލް ޓެޑް ހާމަކުރައްވާފައެއް ނުވެ އެވެ.
"އަޅުގަނޑުމެން ބިދޭސީ ކޯޗަކާއި ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންމިދަނީ. އަޅުގަނޑުމެން ވަކި ބަޖެޓެއް ހަދައިގެން ޕްލޭނަކަށް މި މަސައްކަތްކުރަނީ. ޔަގީނާ ގާތަށް ދެންނެވިދާނެ 2017 ވަނަ އަހަރު އަޅުގަނޑުމެން ބިދޭސީ ކޯޗަކާއި ބިދޭސީ ތިން ކުޅުންތެރިން ގެނައުމަށް ޓަކައި މިހާރު އަޅުގަނޑުމެން ތައްޔާރުކޮށްފައިވާ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް ޓީމަކުން ތައްޔާރުކޮށްފައި ނުވާވަރުގެ ބޮޑު ބަޖެޓެއް،" އޭނާ ވިދާޅުވި އެވެ.
ޓެޑް ވިދާޅުވީ، ނިއު އިން މަސައްކަތްކުރަނީ އަންނަ އަހަރަށް ރަނގަޅު ކޯޗަކާއި ރަނގަޅު ކުޅުންތެރިން ގެނައުމަށް ކަމަށާއި ކުރިއާ ހިލާފަށް މިފަހަރު ހޯދާ ކޯޗަކީ ތަންކޮޅެއް ދިގު މުއްދަތަކަށް ޓީމުގައި ހުންނާނެ ވަރުގެ ކޯޗަކަށް ވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
"ވޭތުވެ ދިޔަ ހަތަރު، ތިން ވަރަކަށް އަހަރު ތެރޭގައި ނިއު ރޭޑިއަންޓްގެ ކޯޗުންގެ ކަންތައް ގޮސްފައި ވަނީ މާ ރަނގަޅަކަށް ނޫން. އަޅުގަނޑުމެންގެ ޗެއާމަން ވަރަށް އިސްކަންދެއްވާ އެ ސަގާފަތް ބަދަލުކުރެވޭތޯ. އެހެންވީމާ އަޅުގަނޑުމެން އުންމީދު މިކުރަނީ އަޅުގަނޑުމެންނަށް ދެން ލިބޭ ކޯޗަކީ ތަންކޮޅެއް ގިނަ މުއްދަތަކަށް މި ޓީމުގައި ހުންނާނެ ކޯޗެއް ކަމުގައި ވޭތޯ. ކުޅުންތެރިން ކަންތަކުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރަނގަޅު ކުޅުންތެރިން ގެނެވޭތޯ. އަޅުގަނޑުމެންނަށް މިހެން އިނދެފަ ދަންނަވާކަށް ނުކުރޭނެ އަޅުގަނޑުމެން ގެންނަ ބިދޭސީ ކުޅުންތެރިން ތަފާތުވާނެއެކޭ. އަޅުގަނޑުމެން ހާލަތު ހުންނަގޮތުން ކުޅުންތެރިން ބަލާފައެއް ނޫން މިގެންނަނީ،" އޭނާ ވިދާޅުވި އެވެ.
ޓެޑް އިތުރަށް ވިދާޅުވީ، ވަކި ގައުމެއްގެ ވަކި ކޯޗެއް ގެނައުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށާއި އުންމީދަކީ ސަޕޯޓަރުން ހިތްއެދޭ ފަދަ ރަނގަޅު ކޯޗަކާއި ކުޅުންތެރިން ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ ކީޕަރު އިމްރާނާއި ސެންޓޭގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ ސޮއި ވެސް ހޯދައިފަ އެވެ. އެ ތިން ކުޅުންތެރިންނަކީ ވެސް ކުރިން ނިއުއާ އެކު ކާމިޔާބީތަކެއް ހޯދާފައިވާ ތިން ކުޅުންތެރިންނެވެ.