ޓޫރިސްޓު ރިސޯޓު ހެދުން ފިޔަވާ އެހެނިހެން ބޭނުންތަކަށާއި ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އިންވެސްޓްމެންޓް އަދި ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރާ ނަމަ، އެފަރާތަކުން އެ ރަށުގެ އެއް އަހަރު ދުވަހުގެ ކުލީގެ 10 ޕަސަންޓު، ފީއެއްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ގޮތަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރުމުގައި އަމަލުކުރާ އުސޫލަށް އިސްލާހު ގެނެސްފި އެވެ.

މި އުސޫލުގައި މީގެ ކުރިން ބުނެފައިވާ ގޮތުން ކުއްޔަށް ހިފާފައިވާ ފަރާތަށް އެރަށެއް ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމުގެ ދަށުން، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އެހެންފަރާތަކަށް ބަދަލުކުރެވޭނެ އެވެ. އެކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިބި، އެރަށަށް ދައްކަން ޖެހޭ ފީއެއް އޮތް ނަމަ އެ ފީއެއް ދައްކައިގެންނެވެ.

ހޯމަ ދުވަހު އެ އުސޫލުގެ އަށްވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނާ ގޮތުގައި، އިންވެސްޓްމެންޓް ބަދަލުކުރުމަށް ޓަކައި، އެ ރަށުގެ އެއް އަހަރު ދުވަހުގެ ކުލީގެ 10 ޕަސަންޓު، ފީއެއްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެ އެވެ. އެ ފީ ދައްކަން ޖެހެނީ އިންވެސްޓްމެންޓް ބަދަލުކުރެވޭ ފަރާތުންނެވެ.

މީގެ އިތުރުން އެ އުސޫލަށް އިތުރުކޮށްފައިވާ 13 ވަނަ މާއްދާގައި ބުނެފައި ވަނީ ރަށްރަށް ވަރުވާއަށް ދޫކޮށްފައިވާ އިރު، ވަރުވާގެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ހައްގުތައް ވެސް ބަދަލުކުރެވޭނީ އެރަށުގެ އެއް އަހަރު ދުވަހުގެ ކުލީގެ 10 ޕަސަންޓު، ފީގެ ގޮތުގައި ސަރުކާރަށް ދައްކައިގެންނެވެ. އެ ފީވެސް ދައްކަން ޖެހޭނީ ރަށުގެ ހައްގުތައް ބަދަލުކުރެވޭ ފަރާތުންނެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، ފަޅުރަށްރަށާ ބެހޭ ގަވައިދަށް ވެސް ހޯމަ ދުވަހު ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ އިސްލާހުގައި، އެ ގަވައިދުގެ 14 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ކަނޑައަޅައި، އިތުރު ތިން އަކުރެއް އެ މާއްދާއަށް އިތުރުކޮށްފައިވެ އެވެ.

މިހާރު އިސްލާހު އޮތް ގޮތުން، 14 ވަނަ މާއްދާގައި ބުނެފައި ވަނީ ވަރުވާއަށް ދޫކުރުމަށް އާންމުކޮށް އިޢުލާނުކުރުމުން އެފަރާތުން ހުށަހަޅާފައި ވަނީ އެކަށީގެންވާ ވަރުވާއެއް ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ނަމަ، ރަށް އެ ފަރާތަށް ވަރުވާއަށް ދޫކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.

ނަމަވެސް ވަރުވާއަށް ރަށް ދޫކުރުމަށް އިއުލާން ކުރުމުން، އެންމެ މަތީ ކުލީގެ ގޮތުގައި ހުށަހެޅި ކުލި، ގިނަ ފަރާތްތަކެއްގެ މެދުގައި އެއްވަރުވެއްޖެ ނަމަ، އެ ބިޑު ކާމިޔާބުކުރި ފަރާތް ކަނޑައެޅުމަށް ޓަކައި އެއްވަރުވި ފަރާތްތަކުގެ މެދުގައި އަނެއްކާ ވެސް ބިޑު ކުރަން ޖެހެ އެވެ. މި ބިޑުގައި ހުށަހަޅަން ޖެހެނީ، އެއްވަރުވި ކުއްޔަށް ވުރެ އިތުރު ކުއްޔެކެވެ. ބިޑު ކާމިޔާބުކުރި ފަރާތް ކަމުގައި ބެލެވޭނީ އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތެކެވެ.

ވަރުވާއަށް ދޫކުރަން އިއުލާނުކުރުމުން އެއްވެސް ފަރާތަކުން ކުލި ހުށަހަޅާފައި ނުވާ ނަމަ، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބޭނުން ފަރާތަކަށް، އެކަށީގެންވާ އަދަދަކުން ވަރުވާއަށް ރަށް ދެވޭނެ ކަމަށް ވެސް، ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.