ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރަތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ލީގް ތާވަލްގެ ދެވަނަ މަޤާމަށް އަލުން ވިކްޓަރީ ސްޕޯޓްސް ކުލަބްް ޖެހިލައިފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗް ވިކްޓަރީ ކާމިޔާބު ކުރީ އޭވައިއެލްއާއި ބައްދަލުކޮށް 5-1 ލަނޑުންނެވެ.

ވިކްޓަރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑުޖަހާ އެ ޓީމަށް ލީޑް ނަގައިދިނީ ހަސަން އަދުހަމެވެ. މެޗްގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކޮށްދިން ލަނޑަކީ މި ސީޒަންގައި އޭނާ ވިކްޓަރީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗްގައި ވިކްޓަރީން ކާމިޔާބު ކުރި ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ހުސެން ސިމާޒް (ކޮކީ)އެވެ. ކޮކީގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފުގެ އެންމެ ފަހު 45 ވަނަ މިނެޓްގެ ތެރޭގައި އޭނާ ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑި ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގެ 47 ވަނަ މިނެޓްގަ އެވެ. މި މެޗްގައި ހެޓްރިކް ހަދާނެ ރަނުގެ ފުރުޞަތު ކޮކީއަށް ލިބުނު ނަމަވެސް، އެފުރުޞަތު ވަނީ ބޭކާރު ވެފަ އެވެ.

މެޗްގައި ވިކްޓަރީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާފިއު މުޙައްމަދު ހަމީދުގެ ބަދަލުގައި ދެވަނަ ހާފްގައި ކުޅެންނުކުތް ހުނަރުވެރި ފޯވާޑް އިބްރާހިމް ފަޒީލް(އޮއްޕޮ) އެވެ. ފަސްވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި އިސްމާއީލް ސަފީއު (ވަކަ އިއްސެ) ކާމިޔާބު ކޮށްދިން އިރު، އޭވައިއެލް އިން ޖެހި އެ ޓީމްގެ ހަމަ އެކަނި ލަނޑު މެޗް 79 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެޓީމްގެ ފޯވާޑް ހުސެން ސުޖާއު އެވެ.

މެޗުން މޮޅުވެ، ލީގް ތާވަލްގެ ދެ ވަނައަށް 23 ޕޮއިންޓާއެކު ވިކްޓަރީ ކުރިއަށް ޖެހިލިއިރު، ވިކްޓަރީއާއި ދެން އެންމެ ކާރިން ވާދަކުރާ އަނެއް ޓީމަކީ 21 ޕޮއިންޓާއެކު ލީގްގެ ތިން ވަނާގައި އުޅޭ ނިއުރޭޑިއަންޓެވެެ. ތާވަލުގެ ކުރީގައި އަދި ވެސް އޮތީ ވިބީ އެވެ.

ލީގުގައި މިރޭ ބައްދަލުކުރީ މާޒިޔާ އާއި ވިޔެންސާ އެވެ. މިރޭގެ މެޗަށް މި ދެޓީމް ނުކުންނައިރު، 14 ޕޮއިންޓާއެކު މާޒިޔާ އޮތީ ތާވަލްގެ ހަތަރު ވަނާގަ އެވެ.ވިޔެންސާ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.
އަށް ޓީމް ވާދަކުރާ ލީގްގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކާހަމައަށް އަންނަ އިރު، ތާވަލްގެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެންޖެހޭނެއެވެ. ލީގުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ.