22 Dec 2016, 12:06
މީހެއްގެ އަތުން 2012 ވަނަ އަހަރު ލޯނުގެ ގޮތުގައި ނަގާފައި އޮތް 20،000 ޑޮލަރު ނުދައްކައިގެން ދައުވާ ކުރުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އަށް އަންގައިފި އެވެ.
މުހައްމަދު ރާމިޒު، ގ. ލިފަދޫ، ތަސްމީނާ ދެކޮޅަށް ދައުވާ ކުރީ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ 20،000 ޑޮލަރު އެ މުއްދަތުގައި ނުދެއްކުމުންނެވެ.
އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ ތަސްމީނުގެ އެކައުންޓުން ފައިސާ ނެގުމަށް ދިން ޗެކަށް ވެސް ފައިސާ ނެގިފައިނުވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބަލައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ 20،000 ޑޮލަރު ރާމިޒުގެ ފަރާތުން ތަސްމީނަށް ލޯނުގެ ގޮތުގައި ދީފައިވާކަން އެނގޭ ކަމަށާއި އެ ފައިސާ އަނބުރާ ދެއްކިކަން ތަސްމީނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ 20،000 ރުފިޔާއާ އެކު ވަކީލު ފީގެ ގޮތުގައި 30،000 ރުފިޔާ އަކީ ތަސްމީން ދައްކަން ޖެހޭ ފައިސާކަން ޝަރީއަށް ހުށަހަޅާފައިވާ މުސްތަނަދުތަކުން އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން މަސް ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ ތަސްމީނަށް އަންގައިފަ އެވެ.