22 Dec 2016, 12:00
ސާދަ ވަނަ މަހިބަދޫ ޔޫތު ފުޓްބޯޅަ މުބާރާތުގައި އެންޓީ ޔުނައިޓެޑް ބަލިކޮށް، ޖިބިލީ ސްޕޯޓްސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
އދ. މަހިބަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން އެ ރަށުގެ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެން ދިޔަ އެ މުބާރާތުގެ ފައިނަލުގައި އެންޓީ ޔުނައިޓެޑްގެ މައްޗަށް ޖުބިލީ ސްޕޯޓްސް ކުރި ހޯދީ 2-1 ލަނޑުންނެވެ.
އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ޖިބިލީ ސްޕޯޓްސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިއްޒަތު އަބްދުލް ބާރީ އެވެ. އޭނާގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 12 ވަނަ މިނެޓާއި 32 ވަނަ މިނެޓުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން އެންޓީ ސްޕޯޓްސް އިން ލަނޑެއް ކާމިޔާބުކުރި އެވެ. އެ ލަނޑު އެންޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒަމީރެވެ. މެޗު ނިމެނިކޮށް، އެންޓީ ސްޕޯޓްސް އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ޒަމީރު ފޮނުވާލި އެ ޕެނަލްޓީ ޖިބިލީ ސްޕޯޓްސްގެ ގޯލްކީޕަރު މުހައްމަދު ޒަމީރު ވަނީ މަތަކޮށްފަ އެވެ.
އެ މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރި އެވެ. އެ މުބާރާތުގައި ވާދަކޮށްފައި ވަނީ ގުންބާ ސްޕޯޓްސް އާއި ޖޭޓީ ސްޕޯޓްސް އާއި އެންޓީ ޔުނައިޓެޑާއި، ޖިބިލީ ސްޕޯޓްސް އާއި، އެކްސްޕްރެސް އަދި ސްޕޯޓިން އަޒިއޯން އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ފެށި އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ކުޅެ، ދެ ގްރޫޕުން ވެސް އެއް ވަނަ އަދި ދެ ވަނަ ހޯދި ޓީމުތައް ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އަދި ފައިނަލަށް ދަތުރުކުރީ ސެމީގެ މެޗުތަކުން މޮޅުވި ދެ ޓީމެވެ.