ކަނޑުމަތީގައި އުޅަނދުފަހަރު އުޅޭ ސަރަހައްދު ދެނެގަތުމަށްޓަކައި އުރީދޫއިން ތައާރަފުކޮށްފައިވާ "އުރީދޫ ލޮކޭޓް" ޑިވައިސް އިންބިލްޓްކޮށް ހިމެނޭ ގޮތަށް، ގަލްފް ކްރާފްޓްގެ އުޅަނދުފަހަރު އުފެއްދުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހައާއި، ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖަރ ޓެރީ ސްޓަމަޓާކޯސްއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކުން، އެތަންތަނުގެ އުޅަނދުތަކުގައި މިހާރަށް ވުރެ ފުރިހަމަ ޓްރެކިންގް ނިޒާމެއް ގާޢިމުކުރަން އެދެއެވެ.

"އަޅުގަނޑުމެންގެ މި ޕާޓްނާޝިޕްގެ ދަށުން، އުޅަނދުތައް އުފެދިގެން އަންނާނީ އުޅަނދުގައި ބޭނުންވާ ހުރިހާ ފީޗާއަކާ އެކުގައި. ކޮންމެ ފަރާތަކުންވެސް ޓްރެކިންގް ސިސްޓަމް އިންބިލްޓް ކޮށް ބޭނުން ނަމަ، ނުވަތަ ވަކިން ގަތުމަށް އެދޭނަމަ އެއިން ކޮންމެ ގޮތެއްވެސް ޚިޔާރު ކުރެވޭނެ،" ވިކްރަމް ވިދާޅުވިއެވެ.

ވިކްރަމް ވިދާޅުވީ، މިކަމަކީ ގަލްފް ކްރާފްޓްގެ ސީއީއޯ ރާއްޖެ ވަޑައިގެން، ރާއްޖޭގައި ދަތުރުފަތުރު ކުރަން ޖެހޭ ގޮތް ދެކެވަޑައިގަތުމަށް ފަހު ހުށަހެޅުއްވި ޚިޔާލެއްގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، މިއީ އުރީދޫއިން ފުރަތަމަ ފަހަރަށް ކުރާ މަސައްކަތެއް ކަމަށާއި، މިކަން މި ފެށެނީ ރާއްޖެއިން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ޚާއްސަ ކަމެއް. މަގްސަދަކީ ރާއްޖޭގައި މިކަން ކާމިޔާބުކޮށްފައި، މި ޚިދުމަތް މެދުއިރުމައްޗަށް ވެސް ފުޅާކުރާނެ. ޤަތަރު ފަދަ، އުރީދޫ އޮޕަރޭޓުކުރާ ގައުމުތަކަށް މި ޚިދުމަތް ގެންދާނަން. މިއީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. މިވީހާ ދުވަހު ރާއްޖެއިން ދިޔައީ އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްއަށް އަމަލުކުރަމުން. މިކަމުން އަޅުގަނޑުމެން ރާއްޖެއިން ބެސްޓް ޕްރެކްޓިސް ކަނޑައަޅައި، އެކަން ދުނިޔެއަށް ފުޅާ ކުރެވޭނެ،"

ވިކްރަމް ވިދާޅުވި ގޮތުގައި، އުރީދޫ އޮޕަރޭޓުކުރާ އިންޑޮނޭޝިއާވެސް އޮތީ މި ޚިދުމަތް ފަށާނެ ގޮތާއި، މި ޚިދުމަތުގެ ފައިދާތައް ދެނެގަތުމުގެ ޝައުގުވެރިކަމުގައެވެ.