14:30


އިރާގުގެ ވެރިރަށް ބަޣުދާދުގެ ސެކިއުރިޓީ ޗެކް ޕޮއިންޓްތަކަކަށް ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި ސިފައިންނާއި ފުލުހުންގެ ހަތް މީހަކު މަރުވެ އިތުރު 20 މީހަކު ޒަޚަމްވެއްޖެ އެވެ.


އިރާގު ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ހަނގުރާމަވެރިން ވަނީ ބަޣުދާދުގެ ތަފާތު ނުވަ ޗެކްޕޮއިންޓަކަށް ހަމަލާދީފަ އެވެ. އަދި މި ހުރިހާ ހަމަލާތަކެއް ވެސް ދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.


މިކަމާ ގުޅިގެން އެ އޮފިޝަލް އިތުރަށް ބުނެފައިވަނީ މިއީ ބަޣުދާދުގެ މުހިންމު މަރުކަޒުތަކަށް ހަމަލާދިނުމަށް ހަނގުރާމަވެރިން ގެންގުޅޭ އާ އުކުޅެއް ކަމަށާއި އެއް ވަގުތެއްގައި ތަފާތު އެތައް ތަނަކަށް ހަމަލާދިނުމަށް ހަނގުރާމަވެރިންނަށް މަގުފަހިވެފައި ވަނީ އެމީހުންނަށް ފަސޭހަކަމާއެކު އެއްބަޔަކު އަނެއް ބަޔަކަށް މޯބައިލް ފޯނުގެ ޒަރީޢާއިން މުއާމަލާތު ކުރެވޭތީ ކަމަށެވެ. އަދި މިކަމާ މެދު އިރާގު ސަރުކާރުން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.


މި ހަމަލާތައް އައިސްފައި މިވަނީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތައް ބަޣުދާދަށް ނުވެއްދުމަށްޓަކައި އެސަހަރުގައި ސެކިއުރިޓީ ފެންސެއް މަރާމާތުކުރުމަށް އިރާގުގެ ދިފާއީ ވުޒާރާއިން ހަމަޖެއްސިތާ ދެދުވަސް ފަހުންނެވެ.