އަންކާރާ (ޑިސެމްބަރު 19): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ޓުވިޓާ މެދުވެރިކޮށް ހަލަބުގައި ހިނގަމުންދާ ހަނގުރާމައިގެ ތަޖުރިބާ ހިއްސާ ކުރަމުން ދިޔަ ހަތް އަހަރުގެބަނާ އަލްއާބިދުއާބައްދަލު ކުރައްވައިފި އެވެ.

ބަނާ އާއި އޭނާގެ އާއިލާ ހަލަބުން ނެރުނު ހަބަރާ އެކު ރައީސް އުރުދުޣާން ވަނީ އެއާއިލާ ތުރުކީއަށް ގެނައުމަށް ހާއްސަ މަންދޫބަކު ފޮނުވާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި ތުރުކީގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރައީސް އުރުދުޣާން، ބަނާ އާއި އޭނާގެ އާއިލާއާ ބައްދަލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ރައީސް އުރުދުޣާންގެ ޓުވިޓާ އެކައުންޓުގަ އާއި ބަނާގެ ޓުވިޓާ އެކައުންޓުގައި ޝެއާ ކޮށްފަ އެވެ.

ރައީސް އުރުދުޣާން އާއި އަނބިކަނބަލުން ބަނާ އާއި އޭނާގެ ކޮއްކޮއާ އެކު -- ފޮޓޯ: ޓުވިޓާ

ބަނާގެ ޓުވީޓުގައި އޭނާ ވަނީ ރައީސް އުރުދުޣާންއާ ބައްދަލުވުމުން ވަރަށް އުފާވާ ކަމަށް ބުނެފަ އެވެ. އަދި "ހަނގުރާމައިން ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުންނާއި، ހަލަބުގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށް ދެއްވާތީ" އުރުދުޣާން އަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޓުވީޓު ކުރަން ފެށި ބަނާގެ 361،000 ފޮލޯވަރުން ތިބެ އެވެ. ބަނާގެ ޓުވިޓާ އެކައުންޓުގައި ސުންނާފަތިވެފައިވާ ހަލަބުގެ ފޮޓޯތަކާއި އޭނާގެ އާއިލާއިން ދިރިއުޅޭ ހާލަތު ސިފަކޮށްދީފައިވެ އެވެ.

ބަނާގެ ޓުވިޓާ އެކައުންޓު ހިންގާ އޭނާގެ މަންމަ ފާތިމާ ބުނި ގޮތުގައި އެއެކައުންޓުގެ މަގުސަދަކީ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ދެއްކުމެވެ.

ބަނާ އާއި އޭނާގެ މައިންބަފައިންނާއި ދެކޮއްކޮ ހަލަބުން ނެރެފައި ވަނީ ސަރުކާރުގެ ފައުޖުތަކުން އިރުމަތީ ހަލަބު ހިފުމަށް ފަހު، ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. (ބީބީސީ)