22 Dec 2016, 10:05
ރެސެންބޯލްސްޕޯޓް ލީފްޒިގް އަތުން 3-0ގެ ނަތީޖާ އަކުން މޮޅުވެ ޖަރުމަނު ލީގްގެ އެއްވަނާގައި ބަޔާން މިއުނިކުން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާއި އެކު ބަޔާން އެއްވަނާގައި 39 ޕޮއިންޓާ އެކު އޮތްއިރު ދެވަނާގައި އޮތް ލީފްޒިގަށް ލިބެނޭ 36 ޕޮއިންޓެވެ. ތިން ވަނާގައި އޮތް ހެރެތާ ބާލިންއަށް ލިބެނީ 30 ޕޮއިންޓެވެ.
ބަޔާނުގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ލީގަށް މުޅިން އަލަށް ޕްރޮމޯޓްވި ލީފްޒިގް ވަނީ ވަރުގަދަ ބަޔާން ހުއްޓުވުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނެޓްގައި ތިއާގޯ އަލްސަންޓްރާގެ ގޯލުން ބަޔާން ވަނީ ލީޑް ނަގާފަ އެވެ. ދެ ވަނަ ގޯލު 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒާބީ އޮލޮންސޯ އެވެ. ބަޔާންގެ ފަހު ގޯލު ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ރޮބަޓް ލެވޮންޑޮސްކީ އެވެ.
ބަޔާންގެ އެ ގޯލުގެ ކުރިން މެޗުގެ 30 ވަނަ މިނެޓްގައި ލިފްޒިގްގެ އެމިލް ފޯސްބާގަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އޭނާ އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކީ ބަޔާންގެ ކެޕްޓަން ފިލިޕް ލާމަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ލީފްޒިގެ ގޯލަށް ބަޔާނަށް ވަނީ އިތުރު ގޯލެއް ކާމިޔާބްކުރެވޭ ގޮތް ނުވެފަ އެވެ.
ރޭގެމެޗަށް ފަހު ޖަރުމަނުގެ ޓީމްތަކަށް ފިނި މޫސުމަށް ވަނީ މަހެއްގެ ޗުއްޓީއެއް ލިބިފަ އެވެ. ދެން ލީގްގެ ކުޅުން އަލުން ފެށޭނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.