21 Dec 2016, 20:45
ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު އެނބުރައި ރާއްޖެއަށް ވަޑައިގެންފި އެވެ.
މަހުލޫފު ރާއްޖެއަށް ވަޑައިގެންނެވިކަން އޭނާގެ އާއިލާ އިން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) "ސަން"އަށް މިރޭ ވިދާޅުވީ ބޭސްފަރުވާއަށްފަހު މަހުލޫފު މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި، ކަރެކްޝަނަލް ސާވިސް އިން މިރޭ މަހުލޫފު ޖަލަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ބޭސްފަރުވާއަށް މައުލޫފު އިންޑިއާއަށް ވަޑައިގެންނެވީ މި މަހު 11 ވަނަ ދުވަހު އެވެ.
މަހުލޫފު ފަރުވާ ހޯއްދެވީ އެލާޖިކްވުމުގެ މައްސަލަ ކުރިމަތިވެ، އަވަސް ފަރުވާ ނުދިނުމުގެ ސަބަބުން ހާލު ސީރިއަސްވުމުންނެވެ. އަދި ލޮލުގެ ބައްޔަކަށް ވެސް މަހުލުފު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. ކަރުގެ މައްސަލައަކަށް ވެސް އޭނާ ގެންދަވަނީ ފިޒިއޯތެރަޕީ ހައްދަވަމުންނެވެ.
މަހުލޫފު ބޭސްފަރުވާއަށް ވަޑައިގެންނެވީ އިންޑިއާގެ ޓްރިވެންޑްރަމް އަށެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަން ސާބިތުވެ އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހުލޫފު ޖަލަށް ލާފައިވާއިރު އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
މަހުލޫފަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.