20 Jun 2011, 09:00
ސައިކަލު މަރާމާތު ކޮށްލަން ޖެހުނަސް، ތެޔޮ ބަދަލުކޮށްލަން ޖެހުނަސް، އަދި އެހެންކަމެއް ކޮށްލަން ޖެހުނަސް އާންމުކޮށް ގޮސްއުޅެނީ އެއްތަނަކަށެވެ. ގޭދޮށުގައި ހުންނަ ތަނަކަށް ވާތީ ފަސޭހަވީމަ އެވެ. ޚިދުމަތްވެސް ގޯހެއްނޫނެވެ. ގިނަގިނައިން ދެވޭތީއާއެކު އެތަނުގައި އުޅޭ ބިދޭސީ ތިންމީހުން ރައްޓެއްސެވެ.
އެއްދުވަހަކު އިރުއޮއްސުމާ ދާދި ކައިރިވެފައިވަނިކޮށް ދިމާވި ކަމަކުން ސައިކަލުން ފާޑެއްގެ އަޑެއް ކިޔަން ފަށައިފި އެވެ. އެއީ ބުރާސްފަތި ދުވަހެވެ. ޖެހިގެން އޮތީ ހުކުރުދުވަހެވެ. ގަރާޖު ބަންދުވާނެ އެވެ. އެކަމަކު އެރެއަކީ ވަރަށް ގިނަ ތަންތަނަށް ދާންޖެހިފައި އޮތް ރެއަކަށްވާތީ އެވަގުތު ސައިކަލު ދޫކޮށްލެވޭކަށްވެސް ނެތެވެ. ގަރާޖަށް ގޮސް އެތަނުގައި އިސްކޮށް އުޅޭ "ސޮރާ" ވާހަކަ ދައްކާލުމުން ވަރަށް ރަނގަޅު ގޮތަކަށް އެކަން ހަމަޖެހޭގޮތްވެއްޖެ އެވެ. އެރޭގެ ދަތުރުތައް ނިންމާލާފައި ގުޅާލާށޭ ބުނެފައި އޭނާ ދިނީ ފޯނު ނަންބަރެވެ.
އެގާރަގަޑިބައި އެހާކަންހާއިރު ގުޅާލައިފީމެވެ. ބުނީ ސައިކަލު ހިފައިގެން ގަރާޖު ކައިރިއަށް އައުމަށެވެ. ދިޔައިރު އޭނާ ހުރީ ނިކުމެ އެވެ. ހުސްމުންޑެއްގަ އެވެ. އަޅުގަނޑު ހީކުރީ ގަރާޖުގައި އެމީހުންނަށް ނިދުމަށް ޚާއްޞަ ކޮޓަރިއެއް ކަހަލަ ތަނެއް ހުންނަނީ ކަމަށެވެ. އެހެންނަމަވެސް ގަރާޖު ތެރެއިން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ދުވާލު ކަލުތެލާ އޭތި މީތިން ތަތްތެޅިފައި އޮންނަ ތަޅުންގަނޑު ސާފުކޮށްލާފައި އެތަނުގައި ކުނާ އަޅައިގެން އަނެއް ދެމީހުން ތިބީ ނިދާފަ އެވެ. ނިކުމެ ހުރި މީހާގެ ޖާގަ ހުހަށް އޮތެވެ. ސައިކަލު ގަރާޖަށް ވެއްދީ އަޅުގަނޑު އެތަނުގައި ހުއްޓައެވެ. ގެންގޮސް ބެހެއްޓީ އޭނާ ނިދަން އަޅާފައި އޮތް ކުނަލުގެ ކައިރީގަ އެވެ. އެހެން ތަންކޮޅެއް ނުވެސް ނެތީ އެވެ.
ފެނުނު މަންޒަރުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރި އެވެ. ބިދޭސީންނެއް ކަމަކު އެއީވެސް ހަމަ އަޅުުގަނޑުމެން ކަހަލަ އިންސާނުންނެވެ. ހިތަކާއި ފިތެއް އޮންނާނެ އެވެ. ދުވާލުދާ ހަތަރުދަމު ކަޅުތެލުން ކަޅިވެގެން ތިބެ މަސައްކަތް ކުރުމެވެ. ރޭގަނޑު ކަޅުތެޔޮތަކުގެ ތެރޭގައި ނިދުމެވެ. މިއީ ހަމައެކަނި އެ ގަރާޖުގައި އުޅޭ ތިން މީހުންގެ ހާލެއް ނޫނެވެ. ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބިދޭސިންގެ ހާލެވެ. އެމީހުން ލައްވާ ހިތަށް އެރި ވަރަކަށް ބުރަ މަސައްކަތް ކުރުވަ އެވެ. ގެންގުޅެނީ ވަރަށް ނިކަމެތި ހާލުގަ އެވެ.
ބައެއްފަހަރު އިންސާނުން ދިރިއުޅެން ހެޔޮނުވާ ފަދަ ތަންތަނުގައި ވެސް އެމީހުން ދިރިއުޅޭތަން ފެނެ އެވެ. ގަބޫލުކުރަން ދަތިވިޔަސް އެއްކޮޓަރިއެއްގައި ފަނަރަ މީހުން، ވިހި މީހުން ނިދާއުޅެއެވެ. ހުންނަނީ އެންމެ ފާޚާނާ އެކެވެ. ގިނަފަހަރަށް ފެނެއް ލިބޭކަށް ނުހުންނާނެ އެވެ. ބޭނުންކުރާ އަންނައުނުފަދަ އެއްޗެހިވެސް ބަހައްޓާނެ ވަކި ޚާއްޞަ ތަނެއް، އެއްޗެއް ނުހުންނާނެ އެވެ. ތަނުން ދޮވާ ވަހުން މީހަކަށް ނޯއްދަމާލަން ކެރޭވަރެއް ނުވާނެ އެވެ. ސިއްހަތަށް ކުރާ ނޭދެވޭ އަސަރުވެސް ކިހާ ބޮޑުވާނެހެއްޔެވެ؟ އެކަމަކު ތަނަށް އެކަށީގެން ނުވާ ވަރަށް މީހުން އުޅެންވީމާ ވާނީ ވެސް އެކަހަލަ ގޮތެކެވެ. އަނެއްކޮޅުން ހަފަރާތުން ދަގަނޑު ޓިނު ޖަހާފައި ހުންނަ، ކުދި ކުދި ކޮންޓީނާ ފަދަ ތަންތަނުގެ އުދާސްގަނޑުގެ ތެރޭގައިވެސް، ބިދޭސީން އުޅޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.
މިހެން ލިޔެލާ ދެތިން ފޮޅުވަތަކުން މިދެންނެވިފަދަ ބިދޭސީން އުޅޭ ނިކަމެތި ހާލު ރަނގަޅަކަށް އިޙުސާސެއް ނުކުރެވޭނެ އެވެ. އިޙުސާސް ކުރެވޭނީ އެފަދަ ގޮތަކަށް އުޅެން ޖެހުނީމަ އެވެ. އަޅުގަނޑުގެ ވާހަކައަކީ އެމީހުން ރާއްޖެއަށް އަންނަނީ ދިވެހީންނަށް ޚިދުމަތް ކޮށްދޭށެވެ. ދިވެހިންނަށް ކުރަން ނުކެރޭ ކަންކަން ކޮށްދޭށެވެ. "ބަންގާޅީން ނާންނަނީ... ރާއްޖެ މަރުވަނީ.." މިއީ މިހާރު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ. އެހެންކަމަށްވީއިރު މިއީ ދިވެހިންނަށް ކިހާ މުހިންމު ބައެއް ހެއްޔެވެ. މިފަދަ ބަޔަކަށް ދޭ ޚިދުމަތުގައި ވެސް އެ ގޮތް ހުންނަން ޖެހޭނެ އެވެ.
މި ވާހަކަތައް މިހެން ދެއްކުމުން ބަޔަކު ބުނެފާނެ އެވެ. އެއީ އެމީހުންގެ ގައުމުގައި މާ އަރާމުގައި އުޅޭ ބައެއް ހެއްޔެވެ؟ ވާރޭ ހިޔާނުވާ ފަންފުރާޅުގެ ދަށުގައި ކިސަޑުގެ ތަޅުންގަނޑެއްގެ މަތީގައި ނިދައިގެން، އެފަހަރު ކެއްޔާ އަނެއްފަހަރު ނުކައި އުޅެފައި އައިސް އުޅޭ ބަޔަކަށް އެފަދަ ގަރާޖެއްވެސް ވާނީ ގަނޑުވަރަކަށެވެ. މިއީވެސް ބައެއްގެ ޚިޔާލު ހުރެދާނެ ގޮތެކެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް ބަޔަކު ގެންގުޅެންޏާ އެބަޔަކަށް ދޭންޖެހޭ އަސާސީ ޚިދުމަތް އޭގެ އެންމެ އެދެވޭ ގޮތުގައި ދެވެން ޖެހޭނެ އެވެ.