21 Dec 2016, 19:36
އަންނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް "ސަން"އަށް މިރޭ ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި އެކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކަމަށެވެ.
އެގޮތުން ގިނަ މުވައްޒަފުންތަކެއް މިހާރުވެސް މުސާރަ ބޮޑުވުމުގެ އިންތިޒާރުގައި ތިބި ކަމަށާއި، ސިވިލް ސާވިސް ކޮމިޝަންގެ އުންމީދަކީ އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިއުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވަނީ ނ. އަތޮޅު ލަންދޫއަށް މިއަދު ޒިޔާރަތް ކުރައްވައި އެ ރަށުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ. ޝަމީމް ވިދާޅުވީ މުވައްޒަފުން ސުވާލުކުރަން ހުޅުވާލުމުން ގިނަ މުވައްޒަފުންތަކެއް މުސާރައިގެ ވާހަކަ އެއްސެވި ކަމަށާއި، ޖަވާބުގައި އަންނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެން ސިވިލް ސާވިސް ކޮމިޝަނުން އަބަދުވެސް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުން ތަކަކީ ކޮބައިތޯ ބަލައި، އެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދީގެން ކުރިއަށް ދިއުމަށް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުން ތަކަކީ ކޮބައިތޯ ބަލަން ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ދަތުރުތަކުގައި މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދާރީވެ އޮޅުން ފިލުވަން ބޭނުންވާ ކަންކަން ސާފުކޮށްދެމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމްގެ ނ. އަތޮޅުގެ ރަށްރަށުގެ ސިވިލް ސާވިސްގެ އިދާރާތައް ހިނގަމުންދާ ގޮތް ބެލުމާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންކަން ހުރި ނެތްގޮތް ބެލުމާއި، މުވައްޒަފުންނާއި މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޑރ. ޝަމީމްގެ ދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތް ކުރައްވާނެ އެވެ.