މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝް އަތުން ބަލިވެ، ރަން މެޑެލް ގެއްލުނު ނަމަވެސް، މިފަހަރުގެ ޓާގެޓަކީ ރަން މެޑެލް ހޯދުން ކަމަށް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. އެ މުބާރާތަށް ރާއްޖޭން ނުކުންނަ އިރު، ފެންނާނެ އެންމެ ބޮޑު ބަދަލަކީ 12 އަހަރު ގައުމީ ޓީީމުން ފެނުނު އަޝްފާގު އާދަމް (އައްކަޅޭ) ޓީމުގައި ނެތުމެވެ. ވޮލީ ޓީމުގެ އާ ކޯޗު ކުމާރާ ވެންޑަކޫން ޓީމަށް މިފަހަރު އައްކަޅޭ ނަގާފައެއް ނުވެ އެވެ.

"މިހާރު ދެ ތިން އަހަރު މިވަނީ ގޯލަޑަކަށް މަސައްކަތްކުރާތާ. މިދިޔަ އަހަރު ހަމަ މިމުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްއާ ކުޅެ، ބަލިވީ. އޭގެ ފަހުން ވެސް ކުޅުންތެރިން ވަރަށް ކެތްމަދުވެފަ މިތިބީ ގޯލްޑަކަށް. އަޅުގަނޑުމެންގެ ޓާގެޓަކީ މިފަހަރު ވެސް ގޯލްޑެއް،" ގައުމީ ވޮލީ ޓީމުގެ ކެޕްޓަން ބަޓިސް ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން ބަޓިސް ބުނީ، މި އަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ހައިރާންކުރަނިވި ކަމަކީ ރާއްޖޭގެ ޓީމު ކަމަށާއި ކުޅުންތެރިން ކުރާ މަސައްކަތް މުބާރާތުގެ ތެރެއިން ފެންނާނެ ކަމަށެވެ. އަދި މުބާރާތަށް ނެގި ރާއްޖޭގެ ޓީމުގައި ހިމެނި ޒުވާން ކުޅުންތެރިންނާއި ތަޖުުރިބާކާރު ކުޅުންތެރިންނާ ދެމެދު ފެންވަރުގެ ގޮތުން ތަފާތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޓީމަށް ކުޅުންތެރިން ނެގުމާއި ނުނެގުން ޑިސައިޑް ކުރާނީ ކޯޗު. ކޮންމެ ކުޅުންތެރިޔަކު ޓީމުގައި ހުއްޓަސް ނެތަސް، ޓީމަކީ ހަމަ އެކައްޗެއް. އެންމެން ވެސް މަސައްކަތްކުރަނީ ހަމަ އެއް ޓާގެޓަކަށް. އަޅުގަނޑަކަށް ހިއެއް ނުވޭ ވަކި ކުޅުންތެރިޔަކު ހުރެގެން ނުވަތަ ނެތިގެން މި ޓީމުގެ ކުޅުންތެރިޔަކު ކުރަންޖެހޭ މަސައްކަތެއް ދޫކޮށްލާނެ ހެންނެއް،" އޭނާ ބުންޏެވެ.

ބަޓިސް އިތުރަށް ބުނީ، ބަންގްލަދޭޝްގައި މުބާރާތާ ކުރިމަތިލަމުންދާއިރު ދިމާވެދާނެ ދަތިތަކަށް ކުރީބައިގައި ތައްޔާރުވެފައިވާ ކަމަށާއި ސްރީލަންކާ އަށް ކުރި ތަމްރީން ދަތުރުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ބަލައި އެކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ކިރްގިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ނޭޕާލެވެ.