21 Dec 2016, 17:52
މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
މި އަހަރުގެ ހަރަކާތްތައް ރާވާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި، ހޯމް މިނިސްޓްރީ، އެމްއެންޑީއެފް އަދި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެންނެވެ.
ރާއްޖެ އިސްލާމްވި ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމަތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ މި އަހަރު ވަރަށް ކުލަގަދަކޮށް އެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ހަފްތާއަކަށް ކުރިއަށް ގެންދަން ވަނީ ނިންމާފައި ވާއިރު، މާދަމާ އިން ފެށިގެން ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
ފުރަތަމަ ހަރަކާތެއްގެ ގޮތުން އޮތީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް ގެނެސްދޭ ލައިވް ޝޯ އެވެ. އެ ޝޯގައި ދުވަހާ ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ތާރީޚާއި ގުޅޭ އަގުހުރި މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާ ކުރާނެ އެވެ.
އޭގެ އިތުރުން މާދަމާ އިން ފެށިގެން ހަފްތާ އެއް ވަންދެން ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި މެދު ޒިޔާރަތް ވެސް އާންމުންނަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
އެންމެ ތަފާތު ހަރަކާތަކަށް މި އަހަރު ފެނިގެން ދާނީ ރާއްޖެ އިސްލާމްވި ދުވަހުގެ ބޮޑު ޖަލްސާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޑިސެމްބަރު 30 ވަނަ ދުވަހުގެ ރޭ، ޖުމްހޫރީ މައިދާނުގައި ޖަލްސާ ފަށާއިރު، އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި ކުޅުދުއްފުށިން ވެސް ޖަލްސާގައި ވަގުތުން ބައިވެރިވާނެ ކަމަށެވެ.
އަދި ޖަލްސާގައި ބައިވެރިވެ، އެ ރަށްތަކުން ޖަލްސާގައި ވާހަކަ ދައްކާނީ އެ ސަރަހައްދެއްގެ ރައްޔިތުން އާންމުކޮށް ވާހަކަ ދައްކާ އުޅޭ ބަހުރުވައިންނެވެ.
އެ ޖަލްސާގައި އެމްއެންޑީއެފް އިން ތައްޔާރުކޮށްފައިވާ ތަފާތު މަދަހަ އަކާއި، ރާއްޖެ އިސްލާމްވި ހާދިސާގެ މައްޗަށް ކުޅެފައިވާ ޝެޑޯ ޕްލޭ އެއް ވެސް ހުށަހަޅައިދޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ޖަލްސާ އަށް ފަހު ބަޑިބޭހުގެ ކުޅިވަރުތައް ވެސް އޮންނާނެ އެވެ.
ސޑިމްބަރު 30 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށް ފަހު ހާއްސަ ދުއާ އެއް ކުރުމަށް ހަމަޖެހިފައި ވާއިރު، 6:45 ގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ކުރިއަށް ގެންދާނެ އެވެ.
މި މަހުގެ 31 ވަނަ ދުވަހު ރާއްޖޭގައި ހުރި 665 މިސްކިތް ފޮޅާ ސާފު ކުރުން ވެސް ވަނީ ރޭވިފަ އެވެ. އެ ހަރަކާތަށް ކޮން ރަށަކަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބަޖެޓެއް ދީފައި ވާއިރު، އަމިއްލަ ފަރުދުން އެ ހަރަކާތުގައި ބައިވެރިވުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެ އެވެ.
ހަމަ އެ ދުވަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.