ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން، މާދަމާ މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކާ ގުޅެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒް އަހުމަދު ސަލީމް ވިދާޅުވީ މާދަމާ މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މެދު ޒިޔާރަތުގެ ބޭރު މި ފެންނަނީ. އެހެންކަމުން އަޅުގަނޑުމެން އެބަ ބޭނުންވޭ ކިޔަވާ ކުދިންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މެދު ޒިޔާރަތުގެ އެތެރެ ދައްކާލަން،" މާޒް ސަލީމް ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން ހަފްތާ އެއް ވަންދެން، ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް މެދު ޒިޔާރަތް އާންމުންނަށް ހުޅުވިފައި ހުންނާނެ އެވެ.

ފުރަތަމަ ފަހަރަށް މެދު ޒިޔާރަތް އާންމުންނަށް ހުޅުވައިލީ 2009 ވަނަ އަހަރު އެވެ. އެފަހަރު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒިޔާރަތް ބަލަން ގޮސްފަ އެވެ.

މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

މެދު ޒިޔާރަތަށް "މެދު ޒިޔާރަތް" ކިޔަން ފެށީ އިހު ޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުންނެވެ.

މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތެވެ. ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.

މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލާ އިރު، އެތަނާ ބެހޭ މައުލޫމާތާއި ރާއްޖެ އިސްލާމްވި ގޮތާ ބެހޭ މައުލޫމާތު ދިނުމަށް ދިވެހި ބަހުގެ އެކެޑަމީގެ ބޭފުޅުންނާއި ދީނީ އިލްމުވެރިން އެ ސަރަހައްދުގައި ހަރަކާތްތެރި ވާނެ އެވެ.