ރާމަﷲ : އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެން ފެށޭނީ ފަލަސްތީނުގެ މައްސަލާގައި އދ. ފާސްކޮށްފައިވާ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޝަރްޢިއްޔަތުގެ މައްޗަށް ކަމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޑޮމެނިކަން ރިޕަބްލިކްގެ ރައީސް ލިޔުނެލް ފަނަރޑީޒް އާއެކު ރާމަﷲ ގައި ބޭއްވި ނޫސްކޮށްފަރެންސެއްގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ އދ. ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޝަރްޢިއްޔަތު ބިނާވެފައިވަނީ 1967 ގެ ސަރަޙައްދީ ރޮނގާ ހަމައަށް އިސްރާއީލު ފަހަތައްޖެހި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ފުރިހަމަ މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށާއި ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ރުޖޫޢަވުމުގެ މައްޗަށެވެ.

މިއީ މުޅިންވެސް އިސްރާއީލު ދެކޮޅު ހަދާކަންކަމެވެ. އިސްރާއީލުވަނީ އދ. ގެ ޤަރާރުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި ބޭރު ޤައުމުތަކުގެ އެތައް ލައްކަ ޔަހޫދީންނެއް ވަޒަންވެރި ކުރުވާފައެވެ. އަދި 1967 ގެ ހަނގުރާމައިގާ ހިފި އިރުމަތީ ޤުދްސު އިސްރާއީލުންވަނީ އެޤައުމުގެ ބައެއްގެ ގޮތުގައި ހަދާފައެެވެ.

ޢައްބާސް ވިދާޅުވީ 1967 ގެ ސަރަޙައްދީ ރޮނގަށް އިސްރާއީލު ފަހަތަށް ޖެހުމުގެ އަސާސްގެ މަތިންމެނުވީ ދެން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ނުފަށާނެ ކަމުގައެވެ. ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ޙައްޤުތައް ހޯދުމަށް ފަލަސްތީނުން އިސްރާއީލާއެކު 20 އަހަރުވަންދެން ކުރިޔަށް ގެންދިޔަ ސުލްޙަިއގެ ވާހަކަތަކުން ޙާސިލް ކުރެވުނު އެއްވެސް ނަތީޖާއެއް ނެތެވެ.

އެހެންކަމުން ފަލަސްތީނުން މިހާރު ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްލާން ކުރުމުގެ ކަންތައް އދ. އަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށް މަސައްކަތްކުރާތީ އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާ ގެންދަނީ، ކޮޅެއްގައި ނުޖެހޭ ސުލްޙައިގެ ވާހަކަތަކަށް އަނެއްކާވެސް ރުޖޫޢުވުމަށް ފަލަސްތީނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. -- އަލްޖަޒީރާ