ވޮޝިންޓަން (ޑިސެމްބަރު 21): އެމެރިކާގެ އުތުރުގައިވާ ކަނޑުގެ ގިނަ ސަރަހައްދުތަކުން ތެޔޮ ނަގަން ޑްރިލް ކުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަނާ ކުރައްވައިފި އެވެ.

ރައީސް އޮބާމާ ވެރިކަމުން ފައިބާ ވަޑައިގަތުމުގެ ކުރިން އެޓްލާންޓިކް އާއި އާކްޓިކް ކަނޑުގެ ބޮޑުބައެއް ހިމާޔަތް ކުރުމަށް އެޅި އެފިޔަވަޅުގައި އޮބާމާ ވަނީ އެ ދެ ކަނޑުގެ ބައެއް ސަރަހައްދުތައް ޑްރިލް ކުރުން ވަކި މުއްދަތެއް ނެތި، ދާއިމަށް މަނާކުރައްވައިފަ އެވެ.

އެނިންމުމާ ގުޅިގެން ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ވަނީ އާކްޓިކް ސަރަހައްދަށް ތެޔޮ ލީކުވުމުގެ ނުރައްކާ އޮތްކަން ފާހަގަކޮށްފަ އެވެ.

އަންނަ މަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އިން ތެޔޮ ނަގާ މިންވަރު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް 1953 ވަނަ އަހަރު އެމެރިކާ އިން ފާސްކުރި ގާނޫނެއްގެ ދަށުން، ކަނޑުގެ ވަކި ސަރަހައްދުތަކެއްގައި ޑްރިލް ކުރުން އޮބާމާ މަނާ ކުރެއްވީ ދާއިމަށް ކަމުން އެގަވާއިދު ބަދަލު ކުރަން ޓްރަމްޕް މަސައްކަތް ކުރައްވައިފި ނަމަ ގާނޫނީ ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ޓްރަމްޕްގެ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ފަރާތްތަކުގެ ސަބަބުން ތިމާވެއްޓާ ބެހޭ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓްރަމްޕްގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް ތެޔޮ ކުންފުންޏެއްގެ ވެރިޔާ ރެކްސް ޓިލާސަން އައްޔަން ކުރައްވާފައިވާ އިރު، އެނާޖީ ސެކްރެޓަރީ ކަމަށް އައްޔަން ކުރެއްވި ރިކް ޕެރީ އަކީ ތެލުގެ ސިނާއަތުގައި ގަވާއިދުތައް މަދު ކުރަން ގޮވާލައްވާފައިވާ ބޭފުޅެކެވެ. (ބީބީސީ)