ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް)ގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިިންގާތޯ ބެލުމަށް ހާއްސަ އޮޕަރާޝަނެއް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި ރާއްޖެ އައިސްއުޅޭ އިންޑިއަން ކޯސްޓްގާޑު ޝިޕް ސަމަރުގަ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ހަރަކާތްތެރިވާނެ ކަމަށެވެ.

އެގޮތުން ހިންގާ އޮޕަރޭޝަންގައި ރާއްޖޭގެ އީއީޒެޑްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް އަމަލެއް ހިނގާތޯ ބަލައި، އެފަދަ އަމަލެއް ހިނގާ ނަމަ އެކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އީއީޒެޑް ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް ސަވައިލެންސް އޮޕަރޭޝަންތައް ހިންގަމުންދާއިރު، މީގެ ކުރިން ވެސް އިންޑިއާ ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.