21 Dec 2016, 15:14
މާލެއަށް ދިމާވެފައިވާ ޕާކިން ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލޭގައި ގާއިމުކުރާ މެކޭނިކަލް ޕާކިންގް ސިސްޓަމްތަކުގައި ޕާކްކުރާ ބައެއް ގަޑިތަކުގައި ހިލޭ އެ ހިދުމަށްދޭ އިރު އަނެއްބައި ވަގުތުތަކުގައި ފީއެއް ނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީ އިން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކާރު ޕާކް ކުރުމަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމް ބެހެއްޓުމަށެވެ. އެ ޕާކިން ސިސްޓަމްތަކުގެ ސަބަބުން 1160 ޕާކިން ޖާގަ އިތުރު ކުރެވިގެންދެ އެވެ.
އޭގެ ފުރަތަމަ ސިސްޓަމް ވެލާނާގޭ ސަރަހައްދުގައި ބަހައްޓަމުންދާ އިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެސިސްޓަމް ބޭނުން ކުރުމަށް ހާއްސަ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެސިސްޓަމް ބޭނުންކުރާ ބައެއް ވަގުތުތަކުގައި ފީއެއް ނެގުމަށް ނިންމާފައިވާ އިރު އަނެއްބައި ވަގުތުތަކުގައި ހިލޭ ބޭނުންކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފީ ނަގާ އުސޫލާއި މިންވަރު ފަދަ ތަފްސީލް މިނިސްޓަރު އަދި ހާމައެއްނުކުރެ އެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު ދެ ސިސްޓަމް މިހާރު ރާއްޖެ ގެނެސްފައިވާ އިރު ކައިރި މުސްތަގުބަލެއްގައި ޕާކިންއަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށެވެ.
ޖުމުލަ 20 ސިސްޓަމް ބަހައްޓާ އިރު އެސިސްޓަމްތައް ބަހައްޓަނީ ހޮސްޕިޓަލްތަކާއި އޮފީސްތައް ހިމެނޭ ފަދަ ބާރުބޮޑު ދިމާތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.