21 Dec 2016, 14:39
ބ. ފެހެންދޫ އާއި ގޮއިދޫ އާ ދެމެދު ދަތުރު ކުރަމުން ދިޔަ ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
ގޮއިދޫ ކައުންސިލްގެ މެމްބަރު އިލްޔާސް އިބްރާހިމް "ސަން" އަށް ވިދާޅުވީ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރު އެކެއް ޖަހާ އެހާކަށް ހާއިރު ފަޅު ތެރޭގައި ކަމަށެވެ.
"އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އަދި ބުނެދޭކަށް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ގޮއިދޫ ސިއްހީ މަރުކަޒަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ގޮއިދޫ ސިއްހީ މަރުކަޒުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ހަތަރު މީހުންނަށް ފަރުވާ ދެމުން އައި ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ހާމަ ކުރެވެން ނެތެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ހަތަރު ފިރިހެނުންނަށެވެ. އަދި ޒަހަމްވި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެސް ވަނީ ލިބިފަ އެވެ.
އެއް ފަޅެއްގައި، ޖެހިގެން އޮންނަ ގޮއިދޫ އާއި ފެހެންދޫ އާ ދެމެދު ދަތުރު ކުރުމަށް އާންމުކޮށް ބޭނުން ކުރަނީ ޑިންގީ އެވެ. ފެހެންދޫގައި ދިރިއުޅޭ ސްކޫލް ކުދިން ގޮއިދޫ އަށް ސްކޫލަށް ދިއުމަށާއި، ފެހެންދޫ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމުގެ އިތުރުން އެހެނިގެން ބޭނުންތަކަށް ގޮއިދު އަށް ދިއުމަށް ވެސް ކޮންމެ ދުވަހަކު ޑިންގީގައި ދަތުރު ކުރެ އެވެ.