21 Dec 2016, 18:58
ދިވެހި މުޖުތަމައުގައި އެހީއަށް ބޭނުންވާ ފަރާތްތަަކަށް އެހީ ހޯދައިދިނުމަށް "ސަން ކެއާ"ގެ ނަމުގައި ހާއްސަ ސެގްމެންޓެއް ތައާރަފު ކުރުމަށް ސަން މީޑިއާ ގުރޫޕުން ނިންމައިފި އެވެ.
ސަން މީޑިއާގެ ކުޑައިގެ ދަށުން ހިންގާ ސަން އޮންލައިން، ސަންޓީވީ، އަދި ސަންއެފްއެމް އިން ގެނެސްދޭން ނިންމާފައިވާ ތަފާތު ޕްރޮގުރާމްތައް މެދުވެރިކޮށް އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އުސޫލުތައް އާންމު ކުރެވޭނެ އެވެ. މި އުސޫލުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރެވޭނެ ކަމަކީ އެހީއަށް ބޭނުންވާ މީހާ އާއި އެހީތެރިވާން ބޭނުންވާ މީހާއާ ގުޅުވައި ދިނުމެވެ. އެގޮތުން އެހީއަށް އެދޭ ފަރާތްތަކަށް ގުޅޭނެ ނަމްބަރާއި އެހީ ޖަމާ ކުރެވޭނެ ބޭންކް އެކައުންޓް ނަމްބަރު ފަދަ މައުލޫމާތުތައް ހާމަކުރެވޭނެ އެވެ.
ސަން މީޑިއާ ގްރޫޕްގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ "ސަން ކެއާ"ގެ ނަމުގައި މިފަދަ ހިދުމަތެއް ސަންގެ މީޑިއާތަކުން ފޯރުކޮށްދިނުމަށް ނިންމީ، އެހީތެރިކަން ޖެހިފައިވާ އެކިއެކި ފަރާތްތަކަށް އެހީތެރިވެދިނުމުގައި އިޖުތިމާއީ ޒިންމާއެއް އަދާކުރުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ހިދުމަތެއް ތައާރަފު ކުރެވުމުން އެކިއެކި ކަންކަމުގައި އަނެކުންގެ އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި 'ފާލަމަކުން' ގުޅައިލެވި މުހުތާދަށް އެދޭ ފަރާތްތަކުގެ ބޭނުންތައް ފުދިގެން ދާނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ، މި ފަދަ ޕްރޮގްރާމެއް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ގިނަ މަޝްވަރާ ތަކަކަށް ފަހު ސަން މީޑިއާގެ އެޑިޓަރުންގެ ބޯޑުން މިއަދު މި ނިންމީ ވަރަށް ތާރީޚީ އަދި މުހިންމު ނިންމުމެއް ކަމަށެވެ. މި ނިންމުމާ އެކު "ސަން ކެއާ"ގެ ދަށުން ފަށާ އިޖުތިމާއީ ޚިދުމަތުގެ ތެރެއިން ގިނަ ބަޔަކަށް އެހީތެރިކަން ލިބިގެން ދިއުމަކީ ސަން މީޑިއާގެ މައިގަނޑު މަގުސަދު ކަމަށް ސިނާން ވިދާޅުވި އެވެ.
"ދިވެހީންނަކީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވެ އުޅެން ބޭނުންވާ ބައެއް. އެކަކަށް ދެރަ ގޮތެއް މެދުވެރިވެއްޖެ ނަމަ އަނެކަކު އެ މީހެއްގެ ހިތާމައިގައި ބައިވެރިވޭ. މި އާދަ ދެމެހެއްޓުމަކީ ވަރަށް ވެސް މުހިންމު ކަމެއް،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ އެކި ކަހަލަ ސަބަބު ތަކާ ހެދި ބޮޑެތި އެހީއަށް ބޭނުންވެފައި ތިބި ގިނަ ބަޔަކު ދިވެހި މުޖުތަމައުގައި ދިރިއުޅޭ ކަމަށާއި ސަން އިން މި ފެށި އިޖުތިމާއީ ޕްރޮގްރާމްގެ ސަބަބުން އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
ސިނާން އިތުރަށް ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ މީޑިއާ އަކުން މި މަގުސަދުގައި އެންމެ ފުޅާކޮށް ގެނެސްދޭ ޕްރޮގްރާމް ކަމަށެވެ. އެ ގޮތުން އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ސަން މީޑިއާގެ ދަށުން ހިންގާ "ސަން ޓީވީ" އާއި ރޭޑިއޯ ޗެނަލް "ސަން އެފް އެމް" އަދި އޮންލައިން ނޫސް "ސަން އޮންލައިން" އިން ގެނެސްދިނުމުން އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ގިނަ ބަޔަކަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ހާއްސަކޮށްގެން ސަންކެއާ ފެށުމަށް ނިންމާފައިވާ އިރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން[email protected]އަށް ތަފްސީލީ މައުލޫމާތު ފޮނުވުމަށް އެދެމެވެ. އަދި ސަން އޮންލައިންގެ ހޮޓްލައިން 9992747 ނުވަތަ 9982747އަށް ގުޅުވައި އެ މައުލޫމާތު ހިއްސާ ކުރަމުން ގެންދަވާށެވެ.