21 Dec 2016, 13:35
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ސްޕޯޓްސް ކްލަބު ދިރުން ހޯދައިފި އެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ސްޕޯޓްސް ކްލަބު ދިރުން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގައި ޔޫތު ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗުގައި ޔޫތު ސްޕޯޓްސް ކްލަބުގެ މައްޗަށް ސްޕޯޓްސް ކްލަބު ދިރުން ކުރި ހޯދީ 3-2 ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސްޕޯޓްސް ކްލަބު ދިރުމުން ގެންދިޔައީ 11-25، 25-17، 21-25، 25-20 އަދި 15-12 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕޯޓްސް ކްލަބު ދިރުމުގެ އިސްމާއިލް ނާސިރު އެވެ.
މާދަމާރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ސްޕޯޓްސް ކްލަބު ދިރުން ނުކުންނަން ޖެހޭނީ ލީގު ބުރުން އެއްވަނަ ހޯދި ވީކޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައިވާދަކޮށްފައި ވަނީ ވެސް ތިން ޓީމަކުންނެވެ. އެއީ ވީކޭ ސްޕޯޓްސް ކްލަބާއި، ސްޕޯޓްސް ކްލަބު ދިރުން އަދި ޔޫތު ސްޕޯޓްސް ކްލަބެވެ.