19 Jun 2011, 19:30
އިންޑިޔާގައި ދިރިއުޅޭ ދިވެހި އަންހެނަކާ އޭނާގެ ގޭގައި ދިރިއުޅޭ އިންޑިޔާގެ ފުލުހަކު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށް، ޖަލަށް ލައިފި އެވެ.
އިންޑިޔާގެ ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސިއުލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހުން ހައްޔަރުކޮށްފައިވާ އެ ދެ މީހުންނަކީ އިންޑިޔާގެ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ދިވެހި އަންހެނަކާ އެގޭ މަތީ ބުރީގައި ދިރިއުޅޭ އިންޑިޔާގެ ފުލުހެއް ކަމަށެވެ. އަދި އާއްމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން އެގެއަށް ގޮސް އެގޭތެރެ ބަލާ ފާސްކުރުމުގައި 70 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވަނީ އިންޑިޔާގެ ފުލުސް މީހާ ދިރިއުޅޭ ބައިން ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ. އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ބްރައުން ސުގާއާއި ހޭސް އޮއިލް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެ ފުލުސް މީހާ ހުންނަނީ ދިގު ޗުއްޓީއެއްގައި، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއެއްޗެހި އަތުލައިގަތީ ފުލުސް މީހާ ދިރިއުޅޭ ބައިން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެ އަންހެން މީހާއަކީ އޭނާގެ ދަރިންނަށް ކިޔަވައިދޭން އިންޑިޔާގައި ދިރިއުޅޭ އަންހެނެއް ކަމަށާއި އޭނާ ދިރިއުޅޭ ގެއަކީ ވެސް އޭނާގެ ނަން މަތީގައި ހިފާފައި ހުންނަ ގެއެއް ކަމަށެވެ. އަދި އެމީހާއާ ބެހޭ އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އިންޑިޔާގެ ކެރެލާގައި ނެރޭ މަލިޔާޅަމް ނޫހެއް ކަމުގައިވާ މަނޯރަމާގައި ވެސް އެ ވާހަކަ ވަރަށް ތަފްސީލްކޮށް ޝާއިއުކޮށްފައިވެ އެވެ. އަދި އެމައްސަލާގައި ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ އެގޭތެރޭގައި ދެމީހުން އެކުގައި ތިއްބާ ކަމަށްވެސް އެ ނޫހުގައިވެ އެވެ.
ސަން އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. އަތޮޅު ރަށެއްގެ އަންހެނެކެވެ. އަދި ފުލުހުން ހައްޔަރުކޮށްފައިވާ އެފިރިހެން މީހާއަކީ ދިވެހި އަންހެންމީހާގެ ލޯބިވެރިޔާ އެވެ.
އިންޑިޔާގެ ޖަލަކަށް ލާފައިވާ އެ އަންހެން މީހާއާ މާލޭގައި މިވަގުތު ދިރިއުޅެމުން އަންނަ އޭނާގެ ފިރިމީހާއާ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް އެ ރަށުގައި ދިރިއުޅޭ އެއަންހެން މީހާ ދަންނަ ބައެއް މީހުން ބުނެ އެވެ.