ދުނިޔޭގެ 11 ވަނަ އަށް ސީޑް ކޮށްފައިވާ ޗެކް ރިޕަބްލިކްގެ ޓެނިސް ކުޅންތެރިޔާ ޕެޓްރާ ކެވިރްްވާ އަށް ވަޅިން ހަމަލާދީ ޒަހްމްކޮށްލައިފި އެވެ.

ވެމްބެލްޑަން ޓެނިސް މުބާރާތް ދެ ފަހަރަ ކާމިޔާބުކޮށްފައިވާ ޕެޓްރާ ބުނީ އިއްޔެ ރޭ އޭނާގެ އެޕާޓްމެންޓަށް ވަދެ ވަޅިން ހަމަލާ ދޭން މަސަތްކަތްކޮށްފައިވާ ކަމަށާއި ހަމަލާތަކުން ދިފާއުވާން މަސަތްކަތް ކުރުމުގެ ތެރޭގައި އޭނާގެ ވާއަތް ޒަހަމްވެފައިވާ ކަމަށެވެ.

"މޫނު ނިވާކޮށްގެން ހުރި މީހަކު އަހަރެންގެ އެޕާޓްމަންޓަށް ވަދެ ވަނީ އަހަރެންނަށް ހަމަލާ ދޭން މަސަތްކަތްކޮށްފައި. ނަމަވެސް މާބޮޑު އަނިޔާއެއް ނުވެ އަހަރެން މިވަނީ ސަލާމަތްވެފައި،" ޓްވިޓާ މެދުވެރިކޮށް ޕެޓްރާ ރޭ ބުންޏެވެ.

ޗެކްރިޕަބްލިކްގެ ފުލުހުން ބުނީ ޕެޓްރާއަށް ހަމަލާދޭން މަސަތްކަތްކޮށްފައި ވަނީ އެއެޕާޓްމަންޓަށް ވަތް ފޭރޭ މީހަކު ކަމަށާއި އޭނާ ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ފޭރިފައިި ކަމަށެވެ. ފުލުހުން ބުނީ ފޭރޭ މީހާ މިހާރު ވަނީ ދެނެގަނެވިފައި ކަމަށާއި އޭނާ ހޯދުމުގެ މަސަތްކަތް ކުރަމުންދާ ކަމަށެވެ.