21 Dec 2016, 12:07
މެންޗެސްޓާ ސިޓީއަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށްވުރެ ބޮޑު ކްލަބަކަށް ވާން ބޭނުންވާ ކަމަށް ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
ސިޓީއާ ގާޑިއޯލާ ހަވާލުވުމާއެކު ސީޒަނުގެ ކުރީކޮޅު އެ ކްލަބުގެ ބެންޗުން ވެސް ޓޫރޭ އަށް ޖާގަ ލިބިފައެއް ނުވެ އެވެ. ނަމަވެސް މިހާރު ސިޓީގެ ޓީމުގައި ޓޫރޭ މުހިންމު ދައުރެއް އަދާކުރެ އެވެ. އުމުރުން 33 އަހަރުގެ ޓޫރޭ އެންމެ ފުރަތަމަ ސިޓީގެ ޓީމުން ފެނުނު މެޗުގައި ވެސް ދެ ލަނޑު ކާމިޔާބުކޮށް، އޭނާ ވަނީ އެ ޓީމު މޮޅުކޮށްދީފައެވެ. ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މިދިޔަ މަހު ކުޅުނު އެ މެޗުން ސިޓީ މޮޅުވީ ޓޫރޭގެ ދެ ލަނޑާއެކު 2-1 ލަނޑުންނެވެ.
ޓޫރޭ ހިމަނައިގައި ސިޓީ ޗުކުޅުނު އެންމެ ފަހު ހަތަރު މެން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. ހާއްސަކޮށް އާސެނަލްއާ ދެކޮޅަށް ކުޅެ، ފަހަތުން އަރައި 2-1 ލަނޑުން މޮޅުވި މެޗުގައި ޓޫރޭގެ މުހިންމު ދައުރު ފާހަގަކޮށްލެވެ އެވެ.
"އަހަރެން މި ކްލަބާ ގުޅުނީ ތާރީހުގެ ތެރެއަށް ވަނުމަށް. އަހަރެން ބޭނުންވީ މި ކްލަބު ބަދަލުކޮށްލަން. ސިޓީއަކީ ޔުނައިޓެޑަށްވުރެ ބޮޑު ކްލަބަކަށް ވާން އަހަރެން ބޭނުންވަނީ. އަހަރެންނަށް އެނގޭ އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން. އެކަމަކު އެއީ އަހަރެންގެ ހުވަފެނެއް،" ސިޓީގެ މިޑްފީލްޑަރު ޓޫރޭ ބުންޏެވެ.
ޓޫރޭ ބުނީ، އޭނާ ކުރިން ކުޅުނު ބާސެލޯނާ އާއި އޮލިމްޕިއާކޮސް އަކީ ޗެމްޕިއަނުންނަށް ވުމަށް އާ ކްލަބުތަކެއް ނޫން ކަމަށާއި އެކަމަކު ސިޓީއަކީ މުޅިން ތަފާތު ކްލަބެއް ކަމަށެވެ. އަދި މިހާރު ކޮންމެ އަހަރަކު ސިޓީއަކީ ލީގު ހޯދުމުގެ ރޭހުގެ ކުރީގައި އޮންނަ ކްލަބުތަކުގެ ތެރެއިން ކްލަބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމަށެވެ.
ބާސާ އިން 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓުރޭ ވަނީ އެ ކްލަބާއެކު ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ދެ ލީގު ކަޕާއި، އެފްއޭ ކަޕެއް އަދި ކޮމިއުނިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށްފައެވެ.