21 Dec 2016, 14:53
ތަހުޒީބު މުޖުތަމައުއެއްގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތް ބިދޭސީ މަސައްކަތްތެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެންޓި ހިއުމަން ޓްރެފިކިން ޕޮލިސީ ޑިސެމިނޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ މުޖުތަމައުއަކީ ނާތަހުޒީބު މުޖުތަމައުއަކަށް ވެފައި އޮތް ކަމުގައިވާ ނަމަ އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި ބިދޭސީންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ، ތަހުޒީބު މުޖުތަމައުއެއްގައި ފޯރުކޮށްދޭ ހިދުމަތްތަކަކާއި ވަސީލަތްތަކަކަށް ވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިތުރުވާ ބިދޭސީ މަސައްކަތްތެރިންނަކީ، އެމީހުންގެ ހައްގުތައް ވެސް ރައްކާތެރިކުރެވިގެން އެމީހުންނަށް އުޖޫރައާއި ލިބެން ޖެހޭ މުސާރައާއި އެމީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ، ތަހުޒީބު މުޖުތަމައުއެއްގައި ފޯރުކޮށްދޭ ހިދުމަތްތަކަކާއި ވަސީލަތްތަކަށް ވުމޭ. އަޅުގަނޑުމެންނަކީ ނާތަހުޒީބު މުޖުތަމައުއަކަށް ވެފައި އޮތްއޮތުން އޮތްކަމަށް ވަންޏާ އެއަށް ނިމުމެއް ގެނައުން. އެއީ މި ސަރުކާރުގެ އަމާޒަކީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތީ މުހިއްމު ތިން ކޮންސެޕްޓަކާ އެކުގައި ކަމަށެވެ. އެގޮތުން އިގްތިޞާދު މުޅިން ބަދަލު ކުރުމާއި އެއީ ބޮލަކަށް ޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރުމާއި ރާއްޖޭގެ ވަޒީފާގެ ބާޒާރު ތިޔާގި ކުރުން ކަމަށެވެ. އޭގެތެރެއިން ވަޒީފާގެ ބާޒާރު މީގެ ކުރިން ނުދެކޭހާ ތިޔާގި ކަމެއް މިއަދު އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ތިޔާގި ކަމުގެ ތެރެއިން ދިވެހިން ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވި އެވެ.
އެންޓި ހިއުމަން ޓްރެފިކިން ޕޮލިސީ ޑިސެމިނޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
"އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތަކީ ވަޒީފާގެ ބާޒާރުގައި މިއަންނަ ތިޔާގި ކަމުގެ ތެރެއިން ދިވެހިން މި ވަޒީފާތަކަށް އަހުލުވެރި ކުރުވުން. އަޅުގަނޑުމެންގެ އަމިއްލަ ރިސޯސް އަމިއްލަ ވަސީލަތްތައް މިވަޒީފާއަށް ޓަކައި ވީހާ ވެސް ރައްޓެހި ކުރުވުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އެންޓި ހިއުމަން ޓްރެފިކިން އަކީ ވޭތުވެ ދިޔަ ތިން އަހަރު އެހާ ބީރައްޓެހި ސަބްޖެކްޓަކަށް ވެފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކަކީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތް އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ގާނޫނަކީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނު ކަމަށް ވުން ކަމަށެވެ.
އެއް ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ އެންޓި ހިއުމަން ޓްރެފިކިން ޕޮލިސީ ޑިސެމިނޭޝަން ފޯރަމަކީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނު ޑިސެމްބަރު 2013 ގައި ތަސްދީގުކޮށް އަމަލުކުރަން ފެށުމާއި ވިދިގެން މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ގުޅޭ ގޮތުން އެކުލަވާލެވިފައިވާ މުހިއްމު ޕޮލިސީ ޑޮކިއުމެންޓްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ފޯރަމެކެވެ.