21 Dec 2016, 11:43
ހުޅުމާލޭގައި ހުންނަ ކުޑަކުދީން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދީންނަށް އަމާޒުކޮށްގެން، ޖެންޑާ މިނިސްޓްރީ އާއި މައި ކޮލެޖް ގުޅިގެން ތައުލީމީ ޕްރޮގްރާމްތަކެއް ފަށައިފި އެވެ.
ފިޔަވަތީގައި ބަލަހައްޓަމުން ދަނީ 10 އަހަރުން ދަށުގެ ކުދީންނެވެ. އެގޮތުން އެ މަރުކަޒުގައި މިވަގުތު 85 ކުދީން ދިރިއުޅެމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
ޖެންޑަ މިނިސްޓްރީން ވަނީ މި ހަފްތާގައި ފިޔަވަތީގައި ތައުލީމީ ދެ ޕްރޮގްރާމެއް ފަށައިފައެވެ. އެއީ އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ 'ޔަންގް ލަރނަރސް އިންގްލިޝް ޕްރޮގްރާމް' އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާ ޤުރުއާން އަދި އިސްލާމް ކްލާސްތަކެވެ.
'ޔަންގް ލަރނަރސް އިންގްލިޝް ޕްރޮގްރާމް' އަކީ އެ މަރުކަޒުގައި ދިރިއުޅޭ އުމުރުން ހަތް އަހަރުން މަތީގެ ކުދިންގެ އިނގެރޭސި ފެންވަރު އިތުރު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމް އަދި ޤުރްއާން ކުލާސްތައް އަމާޒުކޮށްފައި ވަނީ މަރުކަޒުގައި ދިރިއުޅޭ ތިން އަހަރުން މަތީގެ ކުދިންނަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދީން ރަނގަޅުގޮތުގައި ބިނާކުރުމަށްޓަކައި އެކި ފުރުސަތުތައް ކުދީންނަށް ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށެވެ.