21 Dec 2016, 11:32
ބިދޭސީން ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް ދޭ އުސޫލު ހަރުދަނާކޮށް އަންނަ މަހު އެހިދުމަތް ދިނުމަށް އެހޮސްޕިޓަލް އިން ނިންމައިފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ އޭޑީކޭ އާއި އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓުތައް ބަލައިގަތުން ހުއްޓާލައިފަ އެވެ. އިމިގްރޭޝަނުން އެ ދެ ތަނުގެ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލާފައި ވަނީ އެތަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އަލުން އޭޑީކޭއަށް އިމިގުރޭޝަންއިން ހުއްދަދީފައިވާ އިރުއެހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެހިދުމަތް ދިނުމުގެ އުސޫލު ހަރަދަނާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަންކަން ހަމަޖައްސައި ދެން އެހިދުމަތް އަނބުރާ ދޭން ފަށާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ގެންނަނީ ކޮން ބަދަލުތަކެއްކަން އައްފާލް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ރިޕޯޓް އަހަރަކު އެއްފަހަރު އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެ އެވެ. އަދި ރާއްޖެ އަށް ވަޒީފާ އަށް އަންނަ ބިދޭސީން ވެސް މެޑިކަލް ރިޕޯޓު ހަދަން ޖެހެ އެވެ.