19 Jun 2011, 18:28
ސިވިލް ސާވިސް މުސާރަ އިއާދަކުރުމަށް ކޯޓުން އަމުރުކޮށްފައި ނުވާކަމަށް ފިނޭންސް މިނިސްޓާ އަހުމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުރި މުސާރަ ޝީޓް ހަދަން ފިނޭންސަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި އަމުރަށް ދޮޅު މަހެއް ވެގެންދިޔަ އިރު ވެސް، މިދިޔަ އަހަރު ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ބައި ދިނުމާ ގުޅޭ ގޮތުން ފިނޭންސުން ވަކި ގޮތެއް ނިންމާފައިނުވާތީ އެކަމާ ގުޅޭ ގޮތުން "ސަން" އިން މިއަދު ސުވާލު ދެންނެވުމުން ފިނޭންސް މިނިސްޓަރު އިނާޒް ވިދާޅުވީ، ކުރީގައި ހުރި މުސާރަ ދިނުމަށް ކޯޓުން އަމުރު ނުކުރާ ކަމަށެވެ.
"ކޯޓަކުން އަމުރެއް ނުކުރޭ ކުރީގައި އިން މުސާރަ ދޭށެކޭ. [ކޯޓުގެ އަމުރުގައި ވަނީ] މުސާރަ ޝީޓް އެހެންނެއް ނުހެދޭނެޔޭ،" އިނާޒު ވިދާޅުވި އެވެ.
~
އިނާޒް ވިދާޅުވި ގޮތުގައި އޭނާ ކޯޓުގެ އަމުރު "ޓުވިސްޓް" ކުރައްވަނީ ނުވަތަ އަނބުރަލަނީކީ އެއް ނޫނެވެ. އަދި ވިދާޅުވީ، ޕަބްލިކުން އެކަމުގައި އަމިއްލައަށް ވަކި ގޮތެއް ނިންމާނެ ކަމަށާއި އޭނާ އެ ވިދާޅުވަނީ ކަން ހިނގާފައި އޮތް ގޮތުގެ ވާހަކަ ކަމަށެވެ.
އިނާޒް އަދި ވިދާޅުވީ، މިދިޔަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނިކުރި ބައި ދިނުމުގެ ވާހަކަ ދައްކާއިރު، އެ ފައިސާ ދޭން ބަޖެޓުގައި ހިމަނާފައިނުވާކަމަށެވެ. އަދި ސަރުކާރުގެ ހަރަދާއި ލިބޭ އާމްދަނީ ނުބައްދަލު ދަނޑިވަޅެއްގައި، އެ ފައިސާ ދެވޭނެ ކަމާ މެދު ސުވާލު އުފެއްދެވި އެވެ.
"މިއަހަރުގެ ބަޖެޓް ފާސްކުރި އިރު މިދިޔަ އަހަރުގެ އުނިވި މުސާރަ ލުމަށް މަޖިލީހުން ފާސްކޮށްދެއްވައިފަތޯ އޮތީ ބައްލަވާލަ ދެއްވާ. އަސްލު ބޮޓަމް ލައިނަކީ ލިބޭ އާމްދަނީ އާއި ރިކަރަންޓް ހަރަދު ބައްދަލުވޭތޯ ނުވޭތޯ؟ އެ ނުބައްދަލު. އެ ނުބައްދަލުވަންޏާ ކިހިނެތްތޯ އަޅުގަނޑުމެން މިދަނޑުވަޅުގައި ހަދާނީ؟ އެހެން އާމްދަނީއާ ހަރަދު ނުބައްދަލު އިރެއްގައި ބަޖެޓް ނުކުރެވި އޮތް އިތުރު ހަރަދެއް ކިހިނެތްތޯ އަޅުގަނޑުމެން ކުރާނީ؟" އިނާޒް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިދިޔަ ހަފުތާގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ބުނެފައި ވަނީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ މައްޗަށް ބަލައި ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އަދި މިހާތަނަށް މަޖިލިސް މެދުވެރިކޮށް އެކޮމިޝަނުން މުސާރަ އިން އުނިކުރި ބައި ހޯދަން މަސައްކަތްކޮށްފައި ނުވަނީ ފިނޭންސުން އަމަލުކުރާ ގޮތެއް ނޭނގޭތީ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން އެ މައްސަލަ އިސްތިއުނާފްކުރަނީތޯ ކަށަވަރުނުވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"މީގައި ދެން ރައްޔިތުންގެ މަޖިލީހުން ވެސް ރޯލެއް ކުޅެވޭނީ ނޫނީ އެހެން ފަރާތަކަށް ވެސް ރޯލެއް ކުޅެވޭނީ ސަރުކާރުން އެ މައްސަލާގައި ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް ސާފުވެގެން. އަޅުގަނޑުމެންނާ އެކު ފިނޭންސުން މަޝްވަރާކުރި އިރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި ނޭޅުމާ ދޭތެރޭ ފިނޭންސުން ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދައިފައެއް ނެތް،" ފަހުމީ ވިދާޅުވި އެވެ.
ސަރުކާރުން 2009 ވަނަ އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން ތިން މަސް ދުވަހަށް މުސާރަ ކުޑަކުރީ އިގުތިސާދީ ހާއްސަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެވެ. އެ ތިން މަހު މުސާރަ ކުޑަކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެއްބާރުލުން ދިން ނަމަވެސް، ޖެނުއަރީ 2010 އަށް އެ މުއްދަތު ހަމަވުމުން އެ ކޮމިޝަނުން މުވައްޒަފުންގެ މުސާރަ އިއާދަކުރި އެވެ. އަދި މަޖިލީހުން ވެސް އެ އަހަރުގެ ބަޖެޓް ފާސްކޮށްފައި އޮތީ ހަމަ މުސާރަ ހިމަނައިގެންނެވެ. އެހެންނަމަވެސް، ފިނޭންސުން އޮފީސްތަކަށް ކުޑަ މުސާރަ ޝީޓް ހަދަން އަންގައި، އެ އަހަރު ނިމެންދެން މުވައްޒަފުންނަށް ދެމުންގެންދިޔައީ އެ ޝީޓުގައިވާ ގޮތަށް ކުޑަ މުސާރަ އެވެ. އަދި އެ މައްސަލަ ކޮމިޝަނުން ޝަރީއަތަށް ހުށަހެޅުމުން ކުޑަކުރި މުސާރަ ޝީޓް ހަދަން ފިނޭންސަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ވެސް އަމުރުކޮށްފައިވާތީ، މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދޭން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ދަނީ ބުނަމުންނެވެ. އެއީ ގާތްގަނޑަކަށް 443 މިލިއަން ރުފިޔާ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.