ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ފަރާތުން އަތޮޅު ތެރޭގައި ގާއިމްކުރާ ފުރަތަމަ ބޮޓެލިން ފެކްޓަރީ ރ. ދުވާފަރުގައި އަޅަން ބޭނުންވާ ބިން ކައުންސިލުގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، އެ ކުންފުނިން ދުވާފަރުގައި ގާއިމްކުރަނީ ގަޑިއަކު 6000 ފުޅި އުފެއްދޭ ފެކްޓަރީއެއް ކަމަށާއި ފެކްޓަރީ އެޅުމަށް 15 މިލިއަން ހަރަދުވާނޭ ކަމަށެވެ.

އަދި އެ ފެކްޓަރީ އެޅުމަށް ދުވާފަރު ކައުންސިލުން އެ ކުންފުންޏަށް ކުއްޔަށް ދީފައި ވަނީ 10،000 އަކަފޫޓުގެ ބިމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބިން ކުއްޔަށް ދީފައި ވަނީ ކިހާ ވަރަކަށް ކަމެއް ވިދާޅެއްނުވެ އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި، މާކެޓް ލިބޭ ވަރަކަށް ދުވާފަރު ކައުންސިލުން އެ ކުންފުންޏަށް ދީފައިވާ ބިމުގައި އަދި އިތުރު އެއް ޕްލާންޓް ގާއިމްކުރެވޭނެ ޖާގަ އޮންނާނޭ ކަމަށެވެ.

އަދި އެ ފެކްޓަރީގެ ބިން ކަނޑައަޅައި ޑިޒައިންކޮށް ނިމިފައިވާ އިރު މިހާރު ކުރިއަށް ދަނީ މެޓީރިއަލް އޯޑަރު ކުރުމުގެ މަސައްކަތް ކަމަށާއި އެހެންކަމުން ފެކްޓަރީގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭވަރު ވާނޭ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ދުވާފަރުގައި ފެނާއި ނަރުދަމަ އާއި ކަރަންޓް އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލުމުގެ މަސައްކަތް 25 އަހަރުގެ މުއްދަތަކަށް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ.