21 Dec 2016, 11:56
ތުރުކީގައި ހުންނަވާ ރަޝިޔާގެ ސަފީރުގެ ގައިކޮޅަށް މިދިޔަ ހޯމަދުވަހުގެ ރޭ ބަޑިޖަހައި އަވަހާރަކޮށްލި ހާދިސާގެ ފަހަތުގައިވާ ފަރާތްތަކުން ދެ ކަމެއް ޙާސިލް ކުރަންބޭނުންވާކަން ފާހަގަ ކުރެވެއެވެ.
އެއްކަމަކީ ތުރުކީގައި އަމަން އަމާންކަން ނެތްކަން ދެއްކުމެވެ. އަދި ތުރުކީގައި އުޅުއްވާ ބޭރުގެ ކޮންމެ އިއްޒަތްތެރިއަކަށްވެސް ވަރަށް ފަސޭހައިން ޙަމަލާ ދެވިދާނެ ކަމާއި ތުރުކީގައި ހުންނަ ބޭރުގެ އެންބަސީތަކަށާއި ކޮންސިއުލޭޓްތަކަށް ހިމާޔަތް ދިނުމުގައި ތުރުކީގެ ދައުލަތާއި މުއައްސަސާތަކުގެ ނާގާބިލްކަން ދެއްކުމެވެ.

ތުރުކީއާއި ރަޝިޔާގެ ރައީސުން
މިކަމުގެ މައިގަނޑު ބޭނުމެއްކަމުގައި ބެލެވެނީ ސޫރިޔާގެ ހަލަބްގައި ހިނގައިދިޔަ ހަނގުރާމައަށްފަހު އެލަޔަންސެއްގެ ގޮތުގައި ތުރުކީއާއެކު މަސައްކަތް ކުރަމުން ގެންދާ ރަޝިޔާއާއި އީރާނުން އެދެގައުމުގެ ޑިޕްލޮމޭޓުން ތުރުކީން ބާލައި ތުރުކީގައި ހުންނަ އީރާނާއި ރަޝިޔާގެ އެންބަސީތައް ބަންދުކުރާނެ ކަމަށް ބެލުމެވެ. ނަމަވެސް ރަޝިޔާގެ ސަފީރު އަވަހާރަކޮށްލި ހާދިސާއަށްފަހު މިކަން މިގޮތަށް ގޮސްފައެއް ނުވެއެވެ.
ރަޝިޔާގެ ސަފީރުގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލި ހާދިސާގެ ފަހަތުގައިވާ ފަރާތްތަކުން ޙާސިލް ކުރަންބޭނުންވާ ދެވަނަ ކަމެއްގެ ގޮތުގައި ބެލެވެނީ ރަޝިޔާއާއި ތުރުކީ ގާތްވަމުންދާތީ އެދެގައުމު ދުރުކުރުމެވެ. ނުވަތަ އެދެގައުމު ސިޔާސީ ގޮތުން ޖެއްސުމެވެ. ރަޝިޔާއާއި ތުރުކީ އާދަޔާ ޚިލާފަށް ގާތްވަމުންދާތީ އެކަމާ ކަންބޮޑުވާ ގައުމުތަކެއް އެބަތިއްބެވެ.
ސޫރިޔާގެ ހަލަބްގައި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން ބަލިކޮށްލުމާއި އެމީހުން އަނބިދަރިންނާއެކު ހަލަބުން ބޭލުމުގެ ހުރިހާ ކަމެއް ރާވައި ކުރިޔަށްގެންދިޔައީ ރަޝިޔާއާއި ތުރުކީއާއި އީރާން ގުޅިގެންނެވެ. މިއީ ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ފަހަތުގައިތިބި ގަލްފުގެ ގައުމުތައް (ޚާއްސަކޮށް ގަތަރާއި ސައޫދީ އަރަބިޔާ) ވަރަށް ކަންބޮޑުވި އަދި ރުޅިއައި ކަމެކެވެ.

ރަޝިޔާއާއި އީރާންގެ ރައީސުން
ގަތަރާއި ސައޫދީ އެންމެ ބޮޑަށް ރުޅި އައިސްފައިވަނީ ރަޝިޔާއާއި އީރާނުގެ އެލަޔަންސަށް ތުރުކީ ވަނުމުންނެވެ. ތުރުކީއަކީ މީގެކުރިން ގަތަރާއި ސައޫދީ ގެ އެލަޔަންސްގެ ގައުމެކެވެ. ތުރުކީއަކީ ބައްޝާރު ވައްޓާލުމުގައި ގަރަތާއި ސައޫދީއަށް އެންމެ ބޮޑަށް ވާގިވެރިވަމުންދިޔަ ގައުމެވެ. އަދި ތުރުކީއަކީ ބައްޝާރާ ދެކޮޅަށްވެސް އަދި އެއްކޮޅަށްވެސް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނެ ގައުމުވެސް މެއެވެ. ސަބަބަކީ ތުރުކީއަކީ އަސްކަރީ އަދި އިގްތިސާދީ ބޮޑު ބާރަކަށްވެފައި ތުރުކީއަކީ ސޫރިޔާގެ ހަނގުރާމަ ހިނގާ ސަރަހައްދުތަކާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ގައުމަކަށްވާތީއެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް ހުޅަނގުންނާއި ގަލްފުގެ ގައުމުތަކުން ފޮނުވާ ހަތިޔާރާއި ފައިސާއާއި ވަސީލަތްތައްވެސް އެފަރާތްތަކަށް ލިބެނީ ތުރުކީ މެދުވެރިކޮށެވެ. އަދި އިދިކޮޅު ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުމަށް ޖިހާދުގެ ނަމުގައި ސޫރިޔާއަށްއަށް ވަންނަ ބޭރުގެ ހަނގުރާމާވެރިންވެސް ވަންނަނީ ތުރުކީގެ މަގުންނެވެ. ތުރުކީ އެކަމަށް ފުރްސަތު ދިނުމުންނެވެ.
ކޮންމެއަކަސް ރަޝިޔާގެ ސަފީރު މަރާލައިގެން ރަޝިޔާއާއި ތުރުކީ ސިޔާސީ ގޮތުން ޖައްސަން ބޭނުންވި ފަރާތްތަކަށް އެ މަގްސަދު އެއްގޮތަކަށްވެސް ހާސިލްއެއް ނުވިއެވެ. މިކަން ހާމަވެގެން ދިޔައީ ސަފީރު އަވަހާރަކޮށްލި ހާދިސާގެ ސަބަބުން ދެގައުމުގެ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ތުރުކީގެ ގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވުމުންނެވެ. އަދި މިހާދިސާއަށްފަހު ފެނިގެން ދިޔައީވެސް ރަޝިޔާއާއި އީރާނުގެ އެލަޔަންސަށް ތުރުކީ ކުރިޔަށްވުރެ ބޮޑަށް ވަންތަނެވެ. މިކަން ހާމަވީ ރަޝިޔާގެ ސަފީރު އަވަހާރަކޮށްލި ހާދިސާއަށް ފަހު މޮސްކޯގައި ރަޝިޔާއާއި އީރާނާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ކުއްލި ގޮތަކަށް ބައްދަލުކުރެއްވުމުންނެވެ.

އީރާނާއި ތުރުކީގެ ރައީސުން
އިއްޔެ ބޭއްވި މިބައްދަލުވުމުގައި މިތިން ގައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވީ ސޫރިޔާގެ މައްސަލައާބެހޭގޮތުން ކަމަށްވިޔަސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ފަހަތުގައިވާ އެމެރިކާއާއި ސައޫދީއާއި ގަތަރަށް މިބައްދަލުވުމަށް ދައުވަތެއް ނުދެއެވެ. މިބައްދަލުވުމަށް އެގައުމުތަކަށް ދައުވަތު ނުދިނުމަކީ ސޫރިޔާއާބެހޭގޮތުން ތުރުކީ މިހާތަނަށް ގެންގުޅުނު ސިޔާސަތު ވަރަށް ބޮޑަށް ބަދަލުވެއްޖެކަން ހާމަވެގެންދިޔަ ކަމެކެވެ.
އަނެއްކޮޅުން ރަޝިޔާއާއި އީރާނާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުން އިއްޔެ މޮސްކޯގައި ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައިވެސްވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރުމުގެ ވާހަކައެވެ. މި ތިން ގައުމު ގުޅިގެން ސޫރިޔާއަށް ސުލްޙަ ގެނެސް ހަނގުރާމަ ހުއްޓުވައި ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރުމަށް ތިން ގައުމު އަޒުމް ކަނޑައެޅި ވާހަކައެވެ. ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާނެ ވާހަކައެއް ނެތެވެ.
ނަމަވެސް ގަތަރާއި ސައޫދީ އަރަބިޔާއަކީ މުޅި ސޫރިޔާ ފަނާކޮށްލައިގެން ނަމަވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ގޮވާލަމުންގެންދާ ދެގައުމެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާވެސް ކުރިން ގޮވާލަމުން ގެންދިޔައެވެ. ނަމަވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ މިހާރަށް ވާންއޮތްކަމެއް ނޫންކަމާއި ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ އޮތީ ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް އެއަށްވުރެ މާވަރުގަދަ އަޒުމެއްގައި އޮތުމުން އެމެރިކާވެސް އަދި ޔޫރަޕްގެ ގައުމުތައްވެސް ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ސިޔާސަތާ ދުރުވާން ފަށާފައެވެ.
ހަމައެފަދައިން ހަލަބްގެ ހަނގުރާމައަށްފަހު މިފެންނަނީ ތުރުކީވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ސިޔާސަތާ ދުރުވާންފެށި މަންޒަރެވެ. ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ސިޔާސަތު ގެންގުޅޭ ގަރަތާއި ސައޫދީ އެކަހެރި ވަމުންދާ މަންޒަރެވެ. ތުރުކީގެ ސިޔާސަތު މުޅިން ބަދަލުވެ ހަގީގަތް ގަބޫލުކޮށް ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް ގެންނަންބޭނުންވާ މަންޒަރެވެ. ތުރުކީގެ ސިޔާސަތު ބަދަލުވުމުގެ ފަހަތުގައިވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ ގަދަބާރުން ހަނގުރާމަކޮށްގެން ވާންއޮތްކަމެއް ނޫންކަމާއި އެކަމުގެ ސަބަބުން މަރުވެ ފަނާވަމުންދަނީ ސޫރިޔާގެ ނިކަމެތި ރައްޔިތުންކަން ތުރުކީއަށް ވިސްނޭން ފެށުމެވެ. އަދި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރާ ޖަމާއަތްތަކަކީ މިހާރުވެސް އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅަމުން ގެންދާ ޖަމާއަތްތަކަކަށްވާތީ އެޖަމާއަތްތަކަކީ ސޫރިޔާގައި ވެރިކަން ކުރަންކުރެވޭފަދަ ޖަމާއަތްތަކެއް ނޫންކަން ތުރުކީއަށް ވިސްނުމެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ހަނގުރާމައިގެ އެންމެ ބޮޑު ތަކްލީފް އުފުލަމުން ގެންދަނީ ތުރުކީއެވެ. ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ސޫރިޔާއިން ނުކުތް 7 މިލިޔަން ރެފިއުޖީންގެ ތެރެއިން 5 މިލިޔަނެއްހާ ރައްޔިތުންނަށް ބޯހިޔާވަހި ކަމާއި ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދެނީ ތުރުކީންނެވެ. މިކަމަށްޓަކައި ފާއިތުވި 5 އަހަރު ތެރޭގައި ތުރުކީގެ ބަޖެޓުން 25 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު ސައޫދީ އާއި ގަތަރަށް ސޫރިޔާގެ ރެފިއުޖީން ގޮސްފައެއް ނުވެއެވެ.
ސޫރިޔާއާމެދު ތުރުކީ ގެންގުޅުނު ހަރުކަށި ސިޔާސަތު މުޅިން ކަހަލަ ގޮތަކަށް މިހާރު ބަދަލުވަމުންދާކަން މިވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ބައްޝާރުގެ ވެރިކަންވެސް އަދި އެހެން ބޭފުޅެއްގެ ވެރިކަންވެސް ވައްޓާލުމަށް އޭނާގެ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.