ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ވަޅި ޖަހައިފި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. ނަމަވެސް ވަޅި ޖަހާފައި ވަނީ ކޮން ގެއަކަށް ކަމެއް އަދި އެއީ ކޮން ގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ރިޔާޒު ފޯނު ނުނަގަންވާތީ އިތުރު ތަފްސީލެއް ނުލިބުނެ އެވެ.

ވަޅި ޖަހާފައިވާ ފޮޓޯއާ އެކު ރިޔާޒު ވަނީ މިއަދު ޓުވީޓެއް ކުރައްވައިފަ އެވެ. ރިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގޭގެ ދޮރަށް ޖަހާ ވަޅިއަކުން އޭނާ ބިރެއް ނުގަންނާނެ ކަމަށެވެ.

މިއީ ވަޅީ ޖަހަން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި ﷲގެ ރަހުމަތްފުޅުން ކޮންމެ ފަހަރަކު ވެސް ރައްކާތެރިކަން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެއްފަހަރާ ދެ ހަމަލާ އޭނާއަށް ދޭން ރޭ އުޅުނު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށެވެ.