21 Dec 2016, 10:19
މެކްސިކޯ ސިޓީ (ޑިސެމްބަރު 21): މެކްސިކޯގެ ބަޑިބޭސް މާކެޓެއް ގޮވުމުގެ ސަބަބުން 29 މީހަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މެކްސިކޯ ސިޓީއާ 32 ކިލޯމީޓަރު ދުރުގައި އޮންނަ ސޭން ޕަބްލީޓޯގައި ހަދާފައިވާ ބަޑިބޭސް މާކެޓު ގޮވި ވަގުތު ބަޑިބޭސް ގޮވާ މަންޒަރާއި ކަޅު ދުން އަރާ މަންޒަރު ވީޑިއޯތަކުން ފެނިގެންދެ އެވެ.
އެ ހާދިސާގައި 26 މީހަކު މަރުވުމުގެ އިތުރުން 72 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ސްޓޭޓް ގަވަރުނަރު އެރުވިއެލް އަވިލާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނާއި އެމްބިއުލާންސްތައް ފޮނުވާފައިވާ ކަމަށާއި މިހާރު އިސްކަން ދެމުން ދަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.
ދެހާސް ފަސް ވަނަ އަހަރު ވެސް ހަމަ އެމާކެޓުގައި އެފަދަ ހާދިސާއެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އިއްޔެ މާކެޓު ގޮވަން މެދުވެރިވި ސަބަބު އަދި މެކްސިކޯގެ ފުލުހުން ހާމަކޮށްފައި ނުވެ އެވެ. (ސީއެންއެން)