21 Dec 2016, 10:17
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރިއަށް އަންނަ އަހަރު ނިންމާފައި ވަނީ ހަރަދުކުޑަ ފައިދާ ބޮޑުވާނެ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓު މާ ކުޑަކަމަށް ބުނެ،މަޓާޓޯ އާއިލިވްއަބޯޑް ފަދަ ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ ޝަކުވާކޮށްފި އެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ މާކެޓިންގް ބަޖެޓަކީ މި އަހަރާ އަޅައިބަލާ އިރު 25 ޕަސަންޓު ކުޑަ އަދަދެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު އިއްޔެ ވިދާޅުވީ މިހާރުގެ ޓާގެޓަކީ ޓޫރިސްޒަމް އިސްތިހާރު ކުރުމަށް ކުރާ ހަރަދު ކުޑަކޮށް ފައިދާވާ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެވެ. ކުރިން ނެރޭ ޑެސްޑިނޭޝަން ގައިޑަށް ފަސް ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާ އިރު ކުރިއަށްއޮތްތަނުގައި އެގައިޑު ނެރެނީ ހަތް ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބޭ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ
"ކުރިއަށް ވުރެ ކޯސްޓް އެފިސެންޓްކޮށް ކުޑަ ހަރަދެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް މިހާރު ރާވާފައި އޮތީ. ބޮޑަށް ވިސްނާފައި އެހެރީ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕުރޮމޯޝަންގެ ގޮތުގައި، އެގޮތުން އަޅުގަނޑު ދެންނެވިހެން ޑެސްޓިނޭޝަން ގައިޑު ކަހަލަ އެއްޗެހި،" ޒަމީރު ވިދާޅުވި އެވެ.
އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ކަންކަން ރާވާފައިވާ އިރު އަންނަ އަހަރު ރާއްޖެ އިސްތިހާރު ކުރުމަށް 14 ފެއާއަކަށް ރާއްޖެ އިން ދާނެ ކަމަށާއި އެގޮތުން އަންނަ މަހު ހަތަރު ފެއާއަކަށް ރާއްޖެ ޕުރޮމޯޓް ކުރުމަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިޒަމް އިސްތިހާރު ކުރަނީ ފެއާތަަކަށްވުރެ ބޮޑަށް އޮންލައިންކޮށް ޑިޖިޓަލްކޮށް ކަމަށެވެ.
ޑިޖިޓަލްކޮށް ރާއްޖެ އިސްތިހާރު ކުރުމަށާއި ބައެއް މާކެޓުތަކަށް އެކްސްޕާޓުން މެދުވެރިކޮށް ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ އިސްތިހާރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.