ކ. މާފުށީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

މުސްފަތާ ސަން އަށް ވިދާޅުވީ އޭނާ ސަސްޕެންޑު ކުރީ ކ. އަތޮޅު ކައުންސިލުން ކަމަށެވެ. އޭނާ ސަސްޕެންޑު ކުރީ މަސްލަހަތު ފުށުއަރާ ކަމެއް ނިންމުމުން ކަމަށް ބައެއް މަސްދަރުތައް ބުނެ އެވެ.

ނަމަވެސް މުސްތަފާ ވިދާޅުވީ އޭނާ ސަސްޕެންޑުކޮށްފައި ވަނީ މާފުށީ ކައުންސިލްގެ ނައިބު ރައީސާއި އިދާރީ މުވައްޒަފުންނަށް ބިރުދެއްކި ކަމަށް ބުނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އޭނާ ވިދާޅުވީ ތިން މަސް ދުވަހަށް ސަސްޕެންޑު ކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން މާފުށީ ކައުންސިލަށް ވާދަކުރާތީ ކަމަށެވެ.

އޭނާ އަކީ މާފުށީ ކައުންސިލްގެ މި ދައުރުގެ ހަތަރު ވަނަ ރައީސް ކަމަށާއި ކުރީގެ ރައީސުންނަށް ވެސް ކަންކަން ނުކުރެވުނީ ޒިންމާދާރު ވެރިޔާ އާއި ބަޖެޓް އޮފިސަރު އެއްބާރުލުން ނުދޭތީ ކަމަށް މުސްތަފާ ވިދާޅުވި އެވެ. ޒިންމާދާރު ވެރިޔާ އަލީ ނާޝިދު ވިދާޅުވީ މާފުއްޓަށް މިހާތަނަށް ކޮށްދީފައިވާ ކަންކަން ކޮށްދެއްވާފައި ވަނީ އޭނާ ކަތީބަކަށް ހުންނެވި ދުވަސްވަރު ކަމަށާއި މުސްތަފާ އެ ހައްދަވަނީ އިތުރުފުޅު ކަމަށެވެ.

ތިން އަހަރުވެފައި ހުރި އިމާރާތާއި ގޯތީގެ ރަޖިސްޓްރީތައް ނަހަދައި ހުރުމުން އެކަމާ ގުޅިގެން ޒިންމާދާރު ވެރިޔާ އަށް އިންޓަނަލް މެމޯއެއް ފޮނުވާފައިވާނެ ކަމަށާއި ކައުންސިލް އިދާރާގައި އެފަދަ މުހިންމު ކަންތައްތައް ނުނިންމައި ހުރުމުން އެކަންތައްތައް ކުރުމަށް ބާރު އެޅުމަކީ ކައުންސިލްގެ ރައީސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން އަތޮޅު ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.