19 Jun 2011, 18:10
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ މަގާމުން ރީކޯ މޫސާ މަނިކު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު ]އިބޫ[ ޝައުގުވެރިކަން ފާޅުކުރައްވައިފި ކަމަށް އެމްޑީޕީގެ މަސްދަރުތަކުން ބުނެފި އެވެ.
އަދި އެކަން ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ރައީސް އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ސަން އަށް ކަށަވަރު ވެސްކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ މަގާމުން މޫސާ އިސްތިއުފާ ދެއްވައި ގައުމީ މަޖިލީހުން ޗެއާޕާސަންގެ މަގާމަށް މޫސަ އައްޔަން ކުރުމާ ހަމައިން ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ މަގާމަށް ހަމްޒާ އާއި އިބޫ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާގެ މެންދުރު ފަހު 2:30 ނިޔަލަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ބައި އިލެކްޝަން އަންނަ ބުދަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ޗެއާޕާސަންގެ މަގާމަށް ރީކޯ މޫސާ މަނިކު ހަމަޖެހުމާ އެކު އެހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ދެ ބޭފުޅެއްގެ އިސްނެގުން ފާހަގަކުރެވިފައި އޮތް. އޭގެ ތެރޭގައި އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( ކުރިމަތިލައްވާނެ ކަމަށް ފާހަގަކުރައްވާފައިވޭ. އަދި ހަމްޒާ ވެސް ކުރިމަތިލައްވާނެ ކަމުގެ ޝައުގުވެރިކަން ހުރިކަމުގެ މައުލޫމާތުލިބޭ،"
އެކަމާ ގުޅިގެން ހަމްޒާ އާއި އިބޫ އަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ދެ ބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ވަގުތީ ރައީސްއަކީ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ކަމަށެވެ. އަދި އެ ނިންމުންތަކުގެ ތަފްސީލުތައް މަޖިލީހަށް ހުށަހަޅަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ހަމްޒާ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، މިދިޔަ މާޗް މަހުގައި ވެސް ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫގެ އިންތިހާބުގައި ވެސް ރައީސް ކަމަށް ހަމްޒާ ކުރިމަތިލައްވާފައިވެ އެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް މޫސައާ ވާދަކޮށްގެން ދެ ވޯޓްގެ ތަފާތަކުން އެފަހަރު ގޮނޑި ހޯއްދެވީ މޫސަ އެވެ.