އަންކާރާގައި އިއްޔެގެ ކުރީ ދުވަހު ކުރިޔަށް ގެންދިޔަ ހަފްލާއެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށް، ފުލުހަކު ދިން ބަޑީގެ ހަމަލާއެއްގައި އަވަހާރަވި، ރަޝިއާ އިން ތުރުކީއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންޑްރޭ ކާލޯވްގެ ހަށިކޮޅު ރަޝިއާއަށް ގެންގޮސްފި އެވެ.

ތުރުކީގެ ފުލުހަކު މުޅި ދުނިޔެ ސިއްސުވާލައި، މީޑިއާގެ ވެސް ކުރިމަތީގައި ރަޝިއާ ސަފީރު ކާލޯވް އަވަހާރަކޮށްލި އިރު، ދުނިޔޭގެ ގިނަ ބަޔަކު ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

ސަފީރު ކާލޯވަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލީ، އަންކާރާ ޕޮލިސްގައި މަސައްކަތްކުރާ 22 އަހަރުގެ މެވްލޫތު މާތު އަލްތިންތަޝް ނަމަކަށް ކިޔާ ފުލުހެކެވެ. އޭނާ ސަފީރަށް ހަމަލާދީ ސަފީރު އަވަހާރަކޮށްލިތާ މާ ގިނައިރުތަކެއް ނުވެ، އެތަނަށް ފުލުހުން ވަދެ، މެވްލޫތު މަރާލި އެވެ.

އަވަހާރަކޮށްލި ރަޝިއާގެ ސަފީރު ކާލޯވް އިއްޔެ ވަނީ ރަސްމީ އިއްޒަތުގައި، ވައިގެ މަގުން ރަޝިއާއަށް ފޮނުވާލައިފަ އެވެ. އަންކާރާގެ އެސެންބޮއާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަފީރުގެ ހަށިކޮޅަށް ގާޑް އޮފް އޮނާއެއް އެރުވުނެވެ.

ސަފީރުގެ ހަށިކޮޅު މިހާރު ވަނީ ރަޝިއާގަ އެވެ.

ސަފީރު ކާލޯވްއަށް ދިން ހަމަލާ މިހާރު ތަހުގީގުކުރަމުން އަންނަ އިރު، ތުރުކީ ސަރުކާރުގެ އޮފިޝަލަކު އޭޕީއަށް ވިދާޅުވި ގޮތުގައި އެ ހަމަލާއަކީ ވަރަށް ޕްރޮފެޝަނަލްކޮށް ދުރާލާ ރާވައިގެން ދިން ހަމަލާއެކެވެ.