ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިލަދޫ އަތުން މޮޅުވެ ތިން ވަނަ ސެމީގެ ޖާގައެއް ކެނދިކުޅުދޫ އެފްސީން ހޯދައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްދާ އެ މުބާރާތުގެ ތިން ވަނަ ސެމީން ޖާގައެއް ކެނދިކުޅުދޫން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިލަދޫގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެނދިކުޅުދޫގެ އަލީ ބުޝްރީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ކެނދިކުޅުދޫގެ ލަނޑު ކާމިޔާބުކޮށްދިން އަލީ ބުޝްރީ އެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ތިން ވަނަ މެޗުގައި ކެނދިކުޅުދޫން ވާދަކުރާން ޖެހޭނީ، ފުރަތަމަ ސެމީގައި ހޮޅުދޫ އެފްސީ އަތުން 2-1 ލަނޑުން ބަލިވި އެފްސީ މާފަރާ ދެކޮޅަށެވެ.

ތިން ވަނަ ސެމީން މޮޅުވާ ޓީމަކާ، ހޮޅުދުއާ ވާދަކުރާ ފައިނަލް މެޗު މި މަހުގެ 27 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބައިވެރިވާނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.