ސްރީލަންކާގެ ސޭލަން ބޭންކްގައި އޮންނަ، ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ހަތް ޕަސަންޓު ހިއްސާ ބޭރުގެ ފަރާތަކަށް ވިއްކާލުމަށް ހިންގި މުއާމަލާތް، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކެންސަލް ކުރައްވައިފި އެވެ.

ސޭލަން ބޭންކްއަކީ ސްރީލަންކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ، ޕަބްލިކް ކޮމާޝަލް ބޭންކެކެވެ.

ސޭލަން ބޭންކުގައި، ސްރީލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯންގެ 7.5 ޕަސަންޓު ހިއްސާ އޮވެ އެވެ. އެއީ 13.1 މިލިޔަން ހިއްސާ އެވެ.

ބީއޯސީ އިން ކޮންޓްރޯލް ކުރަމުން ދިޔަ ސޭލަން ބޭންކުގެ ހިއްސާ، ބޭރުގެ ފަންޑެއްގެ މިލްކުވެރިކުރުވުމަށް ބީއޯސީ އިން ވަނީ ނިންމި އެވެ. އެއީ 1.3 ބިލިޔަން ރުޕީސް ނުވަތަ 8.7 މިލިޔަން ޑޮލަރުގެ ޑީލެކެވެ.

ޖޭބީ ސެކިއުރިޓީސް ނަމަކަށް ކިޔާ ސްރީލަންކާގެ ސްޓޮކް ބްރޯކަރެއް މެދުވެރިކޮށް ބީއޯސީ އިން ސޭލަން ބޭންކުގައި އޮތް ހިއްސާ ވިއްކާލި ނަމަވެސް، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެ މުއާމަލާތް ކެންސަލް ކުރައްވައިފަ އެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުން، މި މުއާމަލާތް ހިންގާފައި ވަނީ ސަރުކާރުގެ ހުއްދަ ނެތި އެވެ. އަދި ބޭންކް އޮފް ސިލޯނުގެ ޑިރެކްޓަރުންގެ ބޯޑުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތަކަށް އަމަލުކޮށްފައި ނުވާކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

"ބޭންކް އޮފް ސިލޯނުގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ނުނަގާ ހިންގި މުއާމަލާތެއް މިއީ. ބޮޑުވަޒީރުގެ އަމުރުގެ ދަށުން މުއާމަލާތް ކެންސަލް ކުރީ އެކަންޏެއް ނޫން. މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅުވެސް އަޅާނެ،" ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވި އެވެ.