• ސިކުނޑީގެ ޓިއުމަރެއް ނަގަން އޭޑީކޭ އިން ކުރި ކާމިޔާބު އޮޕަރޭޝަން

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގެ ބޮޑު ބަޔަކަށް ފެތުރިފައި ހުރި ޓިއުމަރެއް ނަގަން އޭޑީކޭގައި ކުރި ކާމިޔާބު އޮޕަރޭޝަން -- ފޮޓޯ: އޭޑީކޭ

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގައި އުފެދިފައި ހުރި ބޮޑު ޓިއުމަރެއް ނަގަން އޭޑީކޭ އިން ކާމިޔާބު އޮޕަރޭޝަނެއް ކުރީ މިއަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އަށް ގަޑިއިރުގެ ތެރޭގައި އެ އޮޕަރޭޝަން ކާމިޔާބުކުރި އިރު، މިއީ ސިކުނޑީގެ ޓިއުމަރެއް ނަގަން ރާއްޖޭގައި މިހާތަނަށް ކުރި އެންމެ ބޮޑު އޮޕަރޭޝަނެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ނާރުގެ އޮޕަރޭޝަން ކުރަން ފެށިފަހުން ކުރެވުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެ އޮޕަރޭޝަން ކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ނިއުރޯ ސާޖަނުން ކަމަށްވާ ޑރ. އަލީ ނިއާފާއި ނޭޕާލްގެ ޑޮކްޓަރެއް ކަމަށްވާ ރާމް ކުމާރެވެ.

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގެ ބޮޑު ބަޔަކަށް ފެތުރިފައި ހުރި ޓިއުމަރެއް ނަގަން އޭޑީކޭގައި ކުރި ކާމިޔާބު އޮޕަރޭޝަން -- ފޮޓޯ: އޭޑީކޭ

  • ކެންސަރު ބައްޔަށް ޕާކިސްތާނުން ރާއްޖެއަށް އެހީތެރިވެދޭން ނިންމުން

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޕާކިސްތާން އެމްބެސެޑަރ ސައީދު އަލީ ޚާން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދިނުމަށާއި އެބަލިން ރައްކާތެރިވުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ޝައުކަތު ޚާނަމް މެމޯރިއަލް ހޮސްޕިޓަލް (އެސްކޭއެމްއެޗް)އިން ރާއްޖެއަށް އެހީތެރިވެދިނުމަށް އެއްބަސްވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ކެންސަރު ބަލި ދެނެގަތުމާއި އެ ބަލީގެ ދިރާސާތައް ކުރުމަށް އެހީތެރިވެ ދިނުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންނަށް އެސްކޭއެމްއެޗް އިން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

  • ޑޮކްޓަރުންނާއި ނަރުހުންނަށް 20 ފުލެޓް!

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރާ 10 ޑޮކްޓަރަކަށާއި 10 ނަރުހަކަށް މިއަހަރުގެ ތެރޭގައި ވަނީ ފެލްޓެ ދީފަ އެވެ.

މިއީ ސަރުކާރުގެ ހައުސިން ސްކީމުގެ ބެނެފިޝަރީޒް ލިބޭ ފަރާތްތަކުގެ ތެރޭގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ސްޓާފުން ހިމެނުމަށް ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ޖޫން މަހު ނިންމެވި ނިންމެވުމުގެ ދަށުން ފްލެޓްދިން ފުރަތަމަ ނަރުހުންނާއި ޑޮކްޓަރުންްނެވެ.

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

  • އައިޖީއެމްއެޗް އަށް ބޮޑެތި ކުރިއެރުންތަކަކާ ކާމިޔާބީތަކެއް

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް

މި އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް އަށް އައި ފާގަތިކަން އެންމެ ބޮޑަށް ފެނިގެންދަނީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިންނެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ވަނީ ރާއްޖޭން މީގެ ކުރިން ލިބެން ނެތް އާ ހިދުމަތްތަކެއް ތައާރަފްކޮށް، ހިދުމަތްތައް ފުޅާ ކޮށްފައެވެ.

  • އައިޖީއެމްއެޗްގެ ދެކުނަށް އޮންނަ ބިމުގައި އެ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ސިންގަޕޫރުގެ ޝެންހުއާ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން މިއަހަރުގެ ޖޫން މަހު ފެށި އެ އިމާރާތުގެ މަސައްކަތަކީ ސަރުކާރުން ޖުމްލަ 140 މިލިއަން ޑޮލަރު (2.1 ބިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން 2018 އަށް ނިންމަން މަސައްކަތް ފަށާފައިވާ މަޝްރޫއެކެވެ.

  • އައިޖީއެމްއެޗްގައި އަޅާ އިމާރާތްތަކުގެ ކުރެހުމެއް.
    • އިމާރާތުގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ 500 އެނދުގެ ޒަމާނީ ސްޕެޝަލިސްޓް ހޮސްޕިޓަލަކަށެވެ. ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ހަ ބުރި ހާއްސަކޮށްފައިވާއިރު، ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނޭ އިރު އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް

  • މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އައިޖީއެމްއެޗްގައި "ނެޝަނަލް ކާޑިއެކް ސެންޓަރު" ގާއިމްކޮށް، ސެންޓަރުގެ ކެތުލެބުން އެންޖިއޯ ޕްލާސްޓީ އަދި އެންޖިއޯ ގުރަފީ ހަދަންވަނީ ފަށާފަ އެވެ. ދުނިޔޭގެ ފެންވަރުގެ ސެންޓަރެއް ގޮތުގައި ތަރައްގީ ކޮށްފައިވާ އެ ސެންޓަރުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެންގިއޯ ގްރާމް އަދި 200 އަށް ވުރެ ގިނަ މީހުން އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

"ނެޝަނަލް ކާޑިއެކް ސެންޓަރު" ހުޅުއްވައިދެއްވުމަށް ފަހު އެތަން ރައީސް އަބްދުﷲ ޔާމީން ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

  • ހަތަރު ތިއޭޓަރާ އެކު ތަރައްގީކޮށްފައިވާ އޮޕަރޭޝަން ތިއޭޓަރު ކޮމްޕުލެކްސް އިފްތިތާހްކުރީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އެ ތިއޭޓަރު ކޮމްޕުލެކްސް އިން ރާއްޖޭގައި މިހާރު ވެސް ހަދާ ބޮޑެތި ސާޖަރީތަކުގެ އިތުރުން ހޮސްޕިޓަލަށް މިއަހަރުގެ ތެރޭގައި އަލަށް ތައާރަފްކުރި ޔޫރޮލޮޖީއާ ގުޅުންހުރި ބޮޑެތި ސާޖަރީތައް ވެސް ހެދޭނެ އެވެ.

  • އައިސީޔޫގެ ޖާގައިގެ ދަތިތަކެއް ހުުރުމުން މަރާމާތުކޮށް ޒަމާނީ ވަސީލަތްތަކާ އެކު އެނދުގެ އަދަދު 15 އަށް އިތުރުކޮށް އަޕްގުރޭޑެޑް އައިސީޔޫ ހުޅުވީ ވެސް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އާ އައިިސީޔޫގައި ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ ދެ އެނދަކާއި ކޮންމެ އެނދަކަށް ވެސް ހާއްސަ ކެބިންއެއް ހަދާފައިވެ އެވެ. އަދި ޑައިލިސިސް ހަދަންޖެހިއްޖެ ނަމަ އިތުރު ތަނަކަށް ނުގޮސް ހެދޭނެ އެވެ.

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

  • މި އަހަރުގެ ތެރޭގައި ނޭވާލުމުގެ މައްސަލަ ޖެހޭ މީހުންނަށް ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓެއް އައިޖީއެމްއެޗްގައި ގާއިމްކުރި އެވެ. ޖުމްލަ ފަސް އެނދާ އެކު ގާއިމްކުރި އެ ޔުނިޓާއެކު އެ ހޮސްޕިޓަލުގައި ކްރިޓިކަލް ކެއާ ދޭ އެނދުގެ އަދަދު 60 އަށް ވަނީ އިތުރުވެފަ އެވެ.

  • އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެން އައިޖީއެމްއެޗްގައި އުފަންވަނިވި ސިއްހަތާއި ކިޑްނީ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާދޭސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފެށީ ވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
  • ދައުލަތުގެ ބަޖެޓުން 71 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޓޯޓަލް ލެބޯޓަރީ އޮޓޯމޭޝަން ސިސްޓަމް (ޓީއެލްއޭ) އެއް ވަނީ ގާއިމްކޮށްފަ އެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިފްތިތާހްކޮށްދެއްވި އައިޖީއެމްއެޗްގައި އަލަސް ގާއިމްކުރި އެ ހިދުމަތުން ލެބޯޓަރީން ހަދާ ބައެއް ޓެސްޓުތައް ދެ ގަޑިއިރުގެ ތެރޭގައި ލިބިގެންދެ އެވެ.
  • މާބަނޑު ދުވަސްވަރު ހަކުރުމަބަލީގެ މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް އެކަމާ ގުޅިގެން ކުރަން ޖެހޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކަކާއި ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ކީމޯތެރަޕީ ދިނުމަށް ކީމޯތެރަފީ ސުއިޓެއް ވެސް މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ވަނީ ތައާރަފްކޮށްފަ އެވެ.
  • ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް!

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ބަދަލުތަކެއް ގެނައުމަށް ފަހު އައްޑޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލު އީސީސީގައި އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ.

އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ބަދަލުތަކެއް ގެނައުމަށް ފަހު 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އެގޮތުން، މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް އިމާރާތްކުރުމަށް 161.8 މިލިއަން ރުފިޔާއަށް އެލިއާ ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން އިމާރާތްކުރާ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް އެލިއާއާ ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގަ އެވެ.

  • އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕް ހިދުމަތް ދޭނެ މަޝްރޫއު

ސަރުކާރުގެ ސިއްހީ ނިޒާމް "ހުސްނުވާ އާސަންދަ" ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމަށް ހާއްސަ މަޝްރޫއެއް އިފްތިތާހްކުރީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ހުސްނުވާ އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ފެށުމަށް އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމު އެ މަޝްރޫއު އިފްތިތާހްކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑެތި ބަލިތަކުގައި ހިތްދަތި ދިރިއުޅުންތައް ވޭތުކުރަމުންދާ މީހުންގެ އަދަދު މަދުކުރެވި، ވީހާ ވެސް ކުރީކޮޅު އެފަދަ ބަލިތަކުގެ ފަރުވާ ފެށުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފްކުރި އެ ސުކީމުގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތުގެ ފުރުސަތު ލިބިގެންދާނީ ދެ އަހަރުން އެއް އަހަރު އެވެ.

  • އީ ޕޯޓަލް އިން ރާއްޖޭގެ ސިއްހީ މަރުކަޒުތައް ގުޅާލުން

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އާސަންދަ އީ-ޕޯޓަލްގެ ތެރެއިން ގުޅާލުމުގެ މަސައްކަތް އަމަލީ ގޮތުން ފެށީ ވެސް މިއަހަރުގެ ތެރޭގަ އެވެ. އެ ހިދުމަތް މިހާރު ވެސް ރާއްޖޭގެ ދެ އަތޮޅެއްގައި ދެމުން އަންނައިރު، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކަސް ޑިސެމްބަރު މަހުގެ ކުރިން އާސަންދައިގެ މައި އިދާރާއާ ގުޅާލާނެ ކަމަށް އާސަންދައިން ބުނެ އެވެ.

އެ ޓެކްނޮލޮޖީގެ ސަބަބުން ދުވަހުން ދުވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ހެލްތު ސެންޓަރު ތަކުން ދޫކުރާ ބޭހާއި ބޭސްކުރަނީ ކޮންކަހަލަ ބައްޔަކަށްކަމާއި އަދި އެތައް މައުލޫމާތެއް އާސަންދައިގެ މައި އޮފީހަށް ލިބި، ބެލިގެންދާނެ އެވެ.

  • އެންޑީ އަބްދުﷲ އަވަހާރަވުން، ސިއްހީ ދާއިރާއަށް ލިބުނު ގެއްލުމެއް

ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) އަވަހާރަވެފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 81 އަހަރެވެ.

ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) --

ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރު ލަގަބް އޮތް އަދި 2011 ވަނަ އަހަރު ނިޝާން ރެހެންދީގެ އިތްޒަތްތެރި ވެރިޔާގެ ޝަރަފު ލިބިލައްވާފައިވާ އެންޑީ އަބްދުﷲ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގަތް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެންޑީ އަބްދުﷲ ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު ހޮސްޕިޓަލްގެ މުހިއްމު މަގާމްތަކެއް ވަނީ ފުރުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަން 14 އަހަރުދު ވަސް ވަންދެން އެމަނިކުފާނު ކުރައްވާފައިވެ އެވެ.

  • ފައިލޭރިއާ ރާއްޖޭން ނައްތާލިކަމުގެ ސެޓްފިކެޓް ލިބުން

ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމުގެ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ސްރީލަންކާއިން ފައިލޭރިއާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިއުލާންކޮށް އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ރާއްޖެއާ ހަވާލުކުރީ މިއަހަރުގެ ތެރޭގަ އެވެ.

މަދިރީގެ ސަބަބުން ފެތުރޭ ފައިލޭރިއާ ބަލި ރާއްޖޭގައި އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅު ފޮނަދޫއިންނެވެ.އަދި އެ ބަލި ރާއްޖެ އިން ނައްތާލެވިފައިވަކަން ޔަގީން ކޮށް ރާއްޖޭގެ ފައިލޭރިއާ ޕްރޮގްރާމްގެ ހުރިހާ ތަފާސްހިސާބުތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއަށް ހުށަހެޅި އެވެ.

  • ރާއްޖޭން ޒިކާ ބަލި ޖެހިފައިވާ ދެ މީހަކު ފެނުން

ހެލްތު މިނިސްޓްރީ

މިދިޔަ އަހަރު ކުރީކޮޅު ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ޒިކާ ވައިރަސް ދެ ދިވެހިން ގައި ފެނުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން ޒިކާ ވައިރަސް ފެނުމުގެ ތިިން ކޭސްއެއް ރާއްޖޭގައި ފެނިފައިވެ އެވެ.

އެގޮތުން، އެންމެ ފުރަތަމަ ޒިކާ ވައިރަސް ރާއްޖެއިން ފެނުނީ، މިއަހަރުގެ ޖެނުއަރީ މަހު ފުރި ފިންލެންޑްގެ މީހެއްގެ ގައިންނެވެ. އެއަށް ފަހު އެ ވައިރަސް ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި މި އަހަރުގެ މެދުތެރޭގައި ފުރި، ޖަރުމަނު އަދި ސްޕެއިންގެ ދެ މީހުންގެ ގައިންނެވެ.

އެޗްޕީއޭ އިން މިހާތު ތައްޔާރުވަމުންދަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ވައިރަސް އުޅޭތޯ ސްކްރީން ކުރުމުގެ މަސައްކަތް ފެށުމަށެވެ.

  • ޑެންގޫ ޖެހިގެން މިއަހަރު މަރުވި މީހުންގެ ތަފާސް ހިސާބު

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޑެންގޫ ޖެހިގެން 2015 ވަނަ އަހަރު މަރުވި ކަން ކަށަވަރު ވަނީ ހަ މީހުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.